09 Jan 2013, 16:09
ސަރުކާރުން މިއަހަރު އެންމެ އިސްކަމެއް ދޭނީ މީހުން މެރުމާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީތައް ހުއްޓުވުމަށް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ މީހުން މެރުމާ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުންފަދަ ބޮޑެތި ޖިނާއީ ކުށްތައް ވޭތުވެދިޔަ އަހަރު ވަރަށް ބޮޑުތަން އިތުވެފައިވާތީ މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނީ އެފަދަ ކުށްތައް ހުއްޓުވައި މުޖުތަމައަކީ އަމާންތަނަކަށް ހެދުމަށް ކަމަށެވެ.
"ޚާއްސަކޮށް ރޭވިގެން އިންތިޒާމް ވެގެން ކޮންޓްރެކްޓް ކޮށްގެން މީހުން މެރުމުގެ އާކަންތައްތަކެއް ފެށިގެން ދިޔަތަން މިވަނީ ފެނިފައި. އަދި ބޭރު މީހުން ވެސް މިއުސޫލުގެ ތެރޭގައި ހިމެނޭކަން މިވަނީ ފާހަގަކުރެވިފައި. އެހެންވީމައި މިކަންތައްތަކުގެ ތެރޭގައި ގާނޫނު ދެމެހެއްޓުން އަމަން އާންމު ބެލެހެއްޓުމަށް އިސްކަންދޭގޮތަށް ބަލާއިރު އެންމެ ބޮޑަށް އިސްކަމެއް ދޭނީ މީހުން މެރުމާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ފުލުހުންނަށް ބޭނުންވާ ތަމްރީންތަކާއި ތަހުގީގަށް ބޭނުންވާ ފަސޭހަތަކާއި ތަޖުރިބާތައް ފުލުހުންނަށް ހޯދައިދިނުމަށް ކުރިއަށްވުރެ ބޮޑަށް މިއަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ މުހިންމު ގާނޫނުތަކެއް ފާސްކޮށްގެން ކަމަށާއި މަޖިލީހާއި ގުޅިގެން އެ ގަނޫނުތައް ފާސްކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ފުލުހުން ކުރަންޖެހޭ މަސައްކަތް ތަކަށް ބަލާއިރު މިއަހަރު ފުލުހުންނަށް ކަނޑައަޅާފައިވަނީ އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށާއި މަޖިލީހުން ބަޖެޓް ފާސްކުރި އިރު ހޯމް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓުން ވަރަށް ބޮޑުބައެއް އުނިކޮށްފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ ކެއިން ބުއިމަށް 87 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު މަޖިލީހުން ބަޖެޓް ފާސްކުރި އިރު އޭގެތެރެއިން 75 މިލިއަން ރުފިޔާ އުނިކޮށްފައިވާކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށް 33 ތަނެއް ކުއްޔަށް ހިފައިގެން ތިބޭއިރު އެތަންތަނުގެ ކުއްޔަށް ޖަމާކޮށްފައި ވަނީ ޖުމްލަ ހަ މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެކަމަށް އެ މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 20 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރު ފުލުހުންގެ ވަޒީފާއަށް އަލަށް ވައްދާ މީހުންނަށް ޓްރޭނިން ދިނުމަށް މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓަކީ އެފަދަ ތަމްރީން ދެވޭވަރަށް ވުރެ މާކުޑަ ބަޖެޓެއް ކަމަށެވެ. އެހެންކަމުން ފުލުހުންނަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަން މަޖިލީހުން ހައްލު ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ޖަމީލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ ގޮތުން ކުރެވޭ އަނިޔާތަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެފަދަ ކުށްތައް ހުއްޓުވައި އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަކީ ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދީގެން ސަރުކާރުން މިއަހަރު ކުރަން ނިންމާފައިވާ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެފަދަ ކުށްތައް ހުއްޓުވުމަށް ޖަމްއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް މިނިސްޓަރު ޖަމީލް ވިދާޅުވި އެވެ. އަދި މަޖިލީހުން ފާސްކުރަން ޖެހޭ ގާނޫނުތައް ނެހެދުމާ ބޭނުންވާ ވަރަށް ބަޖެޓު ނުލިބުނު ނަމަވެސް ކަންކަން ކުރުމުގައި ޕްލޭން ބީއެއް ގެންގުޅޭ ކަން ފާހަގަ ކުރައްވާ ޖަމީލް ވިދާޅުވީ މިހާރު ހެދިފައި ހުރި ގާނޫނުތަކާ ލިބިފައި ހުރި ބަޖެޓްތަކުން ކުރެވެން ހުރި އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށެވެ.