09 Jan 2013, 16:02
އަދާލަތު ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި އެ ޕާޓީގައި މިހާރު ތިބި މެމްބަރުންނަށްނަށް އޮޅުވާލައިގެން އެމީހުން އެހެން ޕާޓީ ތަކަށް ވައްދަމުންދާ މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލަ އެއް ކަމަށް އެ އެ ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް "އަދާލަތު މެމްބަރުޝިޕް ކެމްޕެއިން" ގެ ނަމުގައި މިއަދު ލޯންޗްކުރި ކެމްޕެއިނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ އިސް ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޕާޓީގެ މެމްބަރުންނަށް ނޭނގި އަލަށް އުފައްދާ ކުދި ޕާޓީ ތަކުގެ ދަފްތަރުގައި ހިމަނަމުންދާ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ޕާޓީން މިހާރު ތައްޔާރުވަމުން އަންނަ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
"މިހާރު އަލަށް އުފެދޭ ބައެއް ކުދި ޕާޓީތަކުން މި ހަދަންފެށި ގޮތަކީ އަދާލަތު ޕާޓީގެ މެމްބަރުންނަށް ނޭނގި އެ ޕާޓީ ތަކަށް ބަދަލުކުރަނީ. މިމައްސަލަ ވަރަށް ބޮޑަށް ފެންމަތިވެގެން މިއުޅެނީ. އެއީ ވަރަށް ބޮޑު ޖަރީމާއެއް. މީގެ މާނައަކީ ކޮންމެވެސް ހިސާބަކުން "ވައްކަމެއް" އެބަ ދެއޭ،" ޝަހީމް ވިދާޅުވި އެވެ.
ދިހަހާސް މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭ ގޮތަށް ކަނޑައަޅައި ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވުމުގެ މަގުމަތީގައި އޮތްއިރު އެކަމާއި ބެހޭގޮތުން ޝަހީމް ވިދާޅުވީ އެ ބިލް ތަސްދީގު ކުރެއްވުމާއި ނުވަތަ ނުކުރެއްވުމާ މެދުވެސް އެ ޕާޓީން ރައީސްއަށް އެއްވެސް އެއްޗެއް ނުދަންނަވާނެ ކަމަށެވެ.
އޭގެ ބަދަލުގައި އަދާލަތުން މަސައްކަތްކުރާނީ ކެތްތެރިކަމާއި އެކު ތިބެގެން ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އަށް އެ ޕާޓީ ހަދާނެ ކަމަށެވެ.
އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މިއަދު ލޯންޗްކުރި "އަދާލަތު މެމްބާޝިޕް ކޭމްޕް"ގެ ދަށުން މެމްބަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ހަތްދުވަސް ވަންދެން އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އިސްލާމް ދީނާއި ގައުމުގެ ހައްގުގައި އެ ޕާޓީއާ ވީހާވެސް ގިނަ ރައްޔިތުންނެއް ގުޅުމަށްވެސް ޝަހީމް ގޮވާލެއްވި އެވެ.
އަދާލަތު ޕާޓީއަށް މީހުން އިތުރުކުރުމުގެ ގޮތުން އަތޮޅުތެރޭގައިވެސް ގެންދަނީ ޕާޓީގެ ޓީމްތައް ހަރަކާތްތެރިވަމުން ނެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ޕާޓީއަށް އިތުރަށް ގުޅުނީ ކިތަށް މެމްބަރުން ކަމެއް ޕާޓީން ހާމައެއްނުކުރެ އެވެ. އަދާލަތު ޕާޓީގައި ސައްހަ މެމްބަރުންގެ ގޮތުގައި މިހާރުތިބީ 5881 މެމްބަރުންނެވެ.