ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑްކަޕް 2014 އަށް ކޮލިފައި ވުމަށް ހަންގޭރީއާއި ބަލްގޭރިޔާގެ ގައުމީ ޓީމު އެ ދެޓީމުގެ ދަނޑުގައި ކުރިއަށް ކުޅެން އޮތް ފުޓްބޯޅަމެޗް ކުޅި ބަލާމީހުންނަށް ނުވަދެވޭގޮތަށް ދަނޑު ބަންދުކޮށްގެން ކުޅުމަށް ފީފާއިން އެ ދެ ގައުމުގެ ފުޓްބޯޅައިގެ އިދާރާގެ މައްޗަށް އަމުރު ކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އެގޮތަށް ނިންމީ، އެ ދެޓީމުގެ އެންމެ ފަހުން ކުޅުނު ކޮލިފައިން މެޗުތަކުގައި ދެ ޓީމުގެ ސަޕޯޓަރުން އިދިކޮޅު ޓީމުގެ ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކޮށް ހަދާފައިވާތީ އެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުޓްބޯޅަ އާއި ގުޅޭ އެއްވެސް ކަމެއްގައި ނަސްލީގޮތުން ދިމާކުރުމަކީ އެ އިދާރާއިން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމެއް ކަމަށާޢި އެފަދަ ނަސްލީ ތަފާތު ކުރުން ތަކަކީ އެއްވެސް ވަރަކަށް ތަހައްމަލު ކުރެވޭނޭ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ފީފާއިން ހަރުކަށި އަދަބު ތަކެއް ދޭނެ ކަމަށެވެ.

ހަންގޭރީގެ ޓީމާ ދޭތެރޭ ފީފާއިން ފިޔަވަޅު އަޅާފައި މި ވަނީ ނިމިދިޔަ އަހަރުގެ އޯގަސްޓުމަހު އެޓީމު އިސްރާއީލާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުގައި އެޓީމުގެ ސަޕޯޓަރުން އިސްރާއީލުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ލަވަ ހަދައިގެން ކިޔުމާއި އަދި އީރާނުގެ ދިދަ ބޭނުން ކޮށްފައި ވާތީއެވެ. އެމައްސަލައިގާ ފީފާއިން ވަނީ ހަންގޭރީގެ ފުޓްބޯލް އެސޯސިއޭޝަން 27051 ޕައުންޑް (649224ރ.) އިން ޖޫރިމަނާ ކޮށްފަ އެވެ.

ބަލްގޭރިޔާ ޓީމާ ދެކޮޅަށް ފީފާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ އެޓީމު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޑެންމާކާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުގައި ބަލްގޭރިޔާގެ ސަޕޯޓަރުން ޑެންމާކުގެ ޑިފެންޑަރު ޕެޓްރިކް މެޓިލްގާއާއި ދިމާއަށް "މަންކީ ޗެންޓްސް" ކިޔާ ދިމާކޮށްފައި ވާތީއެވެ. އެމައްސަލައިގާ ފީފާއިން ވަނީ އެޓީމު 23685 ޕައުންޑު (568440ރ.) އިން ޖޫރިމަނާ ކޮށްފަ އެވެ.

ވޯލްޑްކަޕު ކޮލިފައިންގައި ހަންގޭރީ އެގައުމުގައި ކުޅެން ޖެހޭ ދެން އޮތް މެޗު ކުޅެންޖެހޭނީ 22 މާޗުގައި ރޫމޭނިޔާ އާއި ދެކޮޅަށެވެ. އަދި ބަލްގޭރިޔާ ޓީމު އެޓީމުގެ ގައުމުގައި ދެން އެންމެ ފުރަތަމަ ކުޅެން ޖެހޭ މެޗު ކުޅޭނީ 22 މާޗުގައި މޯލްޓާ އާއި ދެކޮޅަށެވެ.

ވޯލްޑް ކަޕް ކޮލިފައިން ގައި އެ ދެ ޓީމުހިމެނޭ ދެ ގުރޫޕުގެ ދެ ވަނައިގައި އޮތް ބަލްގޭރިޔާއަށް ވެސް އަދި ހަންގޭރީއަށް ވެސް ނޮވެމްބަރު ގައި އޮންނަ ޔޫރަޕިއަން ޕްލޭއޮފްގައި ކުޅުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ފީފާއިން އެ ދެގައުމުގެ އެފްއޭއަށް ވެސް ވަނީ ކުރިއަށް އޮތްތާނގައި އެފަދަ ހާދިސާއެއް މެދުވެރި ވެއްޖެ ނަމަ އެދެޓީމު އެޓީމެއް ކުޅެންޖެހޭ މެޗު ނުކުޅުވުން، ޕޮއިންޓު އުނިކުރުން ނުވަތަ މުބާރާތުން ވަކިކުރުންފަދަ ހަރުކަށި އަދަބަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.