ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޑައިވިނަން ގޮސްއުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:30 ކަންހާއިރު ޕެރަޑައިސް އައިލެންޑް ރިސޯޓަށް ޑައިވިންއަށްގޮސް އުޅުމުގެ ތެރެއިން މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ޖަރުމަނުގެ ފިރިހެނެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާއާލް މިއަދު ވިދާޅުވީ އޭނާ މިއަދު ހެނދުނު އެހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އެއްވެސް ތަފްސީލެއް ވިދާޅެއް ނުވެއެވެ.

މިފަހަކަށް އައިސް ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ވަނީ ވަރަށް ކައިރިކައިރީގައި ހިނގާފަ އެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅު ބަނޑޮސްއައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ނުކުމެ އުޅުނު ޗައިނާގެ އަންހެން ޓޫރިސްޓަކު ގެއްލުނު ހާދިސާ އެއްވެސް ވަނީ ހިނގާފަ އެވެ. އެމީހާ އަދިވެސް ނުފެނެ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ރ. މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ކޮރެއާ މީހަކު މަރުވެފައިވާއިރު އެމްޓިސީސީގެ ލޯންޗަކާއި ބަނޑޮހުގެ ލޯންޗެއް ޖެހުނު ހާދިސާގައިވެސް ވަނީ ޓޫރިސްޓަކު މަރުވެފަ އެވެ.