09 Jan 2013, 15:40
އިނގިރޭސީ ކެޕިޓަލް ވަން ކަޕް (ލީގު ކަޕް) ގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ދެވަނަ ޑިވިޒަންގެ ބްރެޑްފޯޑާއި ޕްރިމިއާ ލީގުގެ އެސްޓަންވިލާ ކުޅުނު މެޗު ތިނެއް އެކަކުން އެސްޓަންވިލާ ބަލިކޮށް ބްރެޑްފޯޑް ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ލީގުކަޕުގައި ޕްރިމިއާ ލީގުގެ އާސެނަލް އާއި ވިގަން ބަލިކުރުމަށްފަހު ސެމީފައިނަލުން ޖާގަ ހޯދި ބްރެޑްފޯޑުން ދަނީ އެ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި މީހުން ހައިރާން ކުރުވާފަދަ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބްރެޑްފޯޑް ވަނީ އެއްލަނޑުގެ ލީޑެއް ހޯދާފަ އެވެ. އެޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 18 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ކޯނަރެއް ބޮލުންޖަހާ ގޯލަށް ފޮނުވާލައިގެން ނާހީ ވެލްސް އެވެ. އަދި މެޗުގެ 77 ވަނަ މިނިޓުގައި އެޓީމުން ނެގި ކޯނަރެއް ވިލާގެ ޑިފެންޑަރުން ސާފުކޮށްލަން މަސަކަތް ކުރަނިކޮށް ބްރެޑްފޯޑުގެ ރޯރީ މެކާޑަލް ވަނީ ބާރު ޝޮޓެއް ބޮލުން ފޮނުވާލައިގެން އެޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މެޗުގައި ވިލާއަށް އުއްމީދު އާވެގެން ދިޔައީ 83 ވަނަ މިނިޓުގައި އެ ޓީމުގެ އެންޑްރިއާސް ވޭމަން ލަނޑެއް ކާމިޔާބު ކޮށްދިނުމުންނެވެ. އެހެން ނަމަވެސް 88 ވަނަ މިނިޓުގައި ބްރެޑްފޯޑްގެ ގެރީ ޖޯންސް ނަގައިދިން ރީތި ކޯނަރު ކާލް މެކާފް ބޮލުން ފޮނުވާލައިގެން ތިންލަނޑު އެއްލަނޑުން ބްރެޑްފޯޑް ވަނީ އެސްޓަންވިލާ ސިއްސުވާލާފަ އެވެ.
އެސްޓަން ވިލާގެ ކޯޗު ޕައުލް ލެމްބާޓް ބުނީ އޭނާގެ ޓީމު ބަލިވުމުން މާޔޫސްވި ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އަދި ފައިނަލަށް ދެވޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތްކަމަށެވެ.
"މެޗުން މިފަދަ ނަތީޖާއެއް ނިކުތުމުން ވަރަށް ބޮޑަށް މާޔޫސް ވެއްޖެ. އަހަރެންގެ ޓީމު އެޓޭކިންގައި ރަނގަޅަށް ކުޅުނު ނަމަވެސް ރަނގަޅަށް ޑިފެންސް ނުކުރެވުމުން މިފަދަ ނަތީޖާއެއް ނިކުތީ. އެމީހުންގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްފައި އެވަނީ ސެޓްޕީސް ތަކަކުން،" ލަމްބާޓު ބުންޏެވެ.
"އަދިމީ މެޗުގެ ދެބައިކުޅަ އެއްބައި. އަދި ބާކީ 90 މިނިޓު އެބައޮތް. އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީ ކުޅޭއިރު މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ. އެހެންވީމަ ފައިނަލާ ހަމައަށް ދެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް،" ލަމްބާޓު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބުންޏެވެ.
ބްރެޑްފޯޑްގެ ކޯޗު ފިލް ޕާކިންސަން ބުނީ ޓީމުން ކުޅުނީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމަށާއި ޓީމުގައި ތިބި "ކޮލިޓީ" ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށެވެ.
"އަހަރެންގެ ޓީމު ދައްކައިދީފި އެމީހުންނަކީ ކުރިއަށް ދެވިދާނެ ބައެއްކަން. އަހަރެން ޓީމުގެ ކުޅުމާ ދޭތެރޭ ފަހުރުވެރިވަން... ފައިނަލަށް ދިއުމުގެ ފުރުސަތު އަހަރުމެންނަށް މި ވަނީ ވަރަށް ތަނަވަސް ވެފައި. އެކަމަކު ވިލާއަށް މިހާރު އެ ފުރުސަތު ހޯދަން ޖެހޭނީ ވަރަށް ވަރުގަދަ މެޗެއް ކުޅެގެން،"ބްރެޑްފޯޑްގެ ކޯޗު ފިލް ޕާކިންސަން ބުންޏެވެ.
ލީގު ކަޕުގެ ސެމީފައިނަލިގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ބައްދަލު ކުރާނީ ޗެލްސީ އާއި ސްވާންޒީ ސިޓީ އެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދަމު 12:45 ގަ އެވެ.