09 Jan 2013, 15:27
އިންޑިއާގެ ކަނޑުގެ ސިފައިންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން ހިންގާ ތަމްރީންތަކެއްގައި ބައިވެރިވުމަށް އިންޑިޔާ ކަނޑުގެ ސިފައިންގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ މަނަވަރު ރާއްޖެ އައިސްފައިވަނީ އެމްއެންޑީއެފާއި އިންޑިޔާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާ ސާވިއަލެންސް އޮޕަރޭޝަންގައި ބައިވެރިވުމުގެ ގޮތުން ކަމަށާއި އެގޮތުން އެ މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި މިމަހުގެ 6 އިން 11 އަށް ހަރަކާތްތެރިވާނެ ކަމަށެވެ.
"މިއޮޕަރޭޝަންގައި އިންޑިޔާގެ ނޭވީގެ މަނަވަރު ހަރަކާތްތެރިވާނެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގަ އާއި ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިނގާތޯ ބެލުމުގައި، މިއީ ކުރިން ވެސް ހިންގަމުން ގެންދިޔަ އޮޕަރޭޝަންގައި ބައިވެރިވުމަށް އައި މަނަވަރެއް،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ކަމުގައިވާ "އައިއެންއެސް ކަބްރާ" ނަމަކަށް ކިޔާ މިމަނަވަރު ހަރަކާތްތެރިވަމުން ގެންދާނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް) ގައި ކަމަށާއި މިއީ ރާއްޖެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކުރުމުގެ ބޭނުމުގައި ހިންގާ ތަމްރީންތަކެއް ކަމަށް އިންޑިއަން ހައިކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންޑިއާގެ މިމަނަވަރަކީ އިންޑިޔާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގަ އާއި ވަކިން ހާއްސަކޮށް ކަނޑުފޭރުމުގެ ހާދިސާތައް ހުއްޓުވުމުގައި އާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ އުޅަނދެއް ކަމަށް ވެސް އިންޑިއަން ހައިކޮމިޝަންގެ ބަޔާނުގައިވެ އެވެ.