ހުސްވި ސީޒަންގައި އެންމެ ކާމިޔާބު ކުލަބް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ހޯދުމަށް ކުލަބް ވެލެންސިޔާއިން މަސައްކަތް ފަށައިފި އެވެ.

ވިކްޓަރީއަށް ހަތަރު އަހަރު ކުޅުމަށްފަހު މިދިޔަ ސީޒަންގައި 400،000ރ. އަށްވުރެ ކުޑަ ނޫން އަގަކަށް ނިއުއަށް ބަދަލުވި އޮއްޕޮއާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އޭނާ މިސީޒަންގައި ނިއުއިން ނުފެންނާނެ ކަމަށެވެ.

ވެލެންސިޔާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކުލަބުގެ ފުރަތަމަ ފަރިތަކުރުންތައް ފެށުމަށް ނިންމި ކަމުގައި ވިޔަސް، ކުލަބުގެ ސްކޮޑް އަދިވެސް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ ދެ ކުޅުންތެރިޔަކާ ވަހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ހުސްވި ސީޒަންގައި ނިއުއަށް ކުޅުނު އޮއްޕޮއާ ވާހަކަ ދައްކަމުންއަންނަ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނަ ރާއްޖޭގައި ނެތުމުން އަދި މިވަގުތު ވަކިޖަވާބެއް ދޭން ދަތި ކަމަށް ބައްސާމް ވިދާޅުވި އެވެ.

ތިން ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮއްޕޮ ހޯދުމަށް ވެލެންސިޔާއިން މަސައްކަތް ފެށި ކަމުގައި ވިޔަސް، އޭނާ ހޯދުމަށް އިތުރު ތިން ކުލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަންއަށް މީގެ ކުރިން ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އޮއްޕޮ ގުޅޭނެ ވަކި ކުލަބެއް އަދި އެއްވެސް މީޑިއާއަކަށް ފައިނަލްވެފައި ނުވާއިރު، އޮއްޕޮގެ ބަހެއް ހޯދުމަށް ސަންއިން މިއަދު ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވެލެންސިޔާއިން މިހާރުވެސް ވަނީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. އެގޮތުން މިއަހަރު ވެލެންސިޔާއަށް ކުޅުމަށް އެއްބަސްވެ، ސޮއި ކުރި ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ވިކްޓަރީގެ ހަތަރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ކީޕަރު މުހައްމަދު ފައިސަލް އަދި މުހައްމަދު ރަޝީދު (ހޮކޭ) އާއި އަކުރަމް އަބުދުލަގަނީ އާއި ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އީގަލްސް އަށް ކުޅުނު މުހުތާރު ނަސީރު (ޓޫކިލޯ) އާއި ނިއުރޭޑިއަންޓަށް ކުޅުނު މުއާން މޫސާ މަނިކު އަދި ވިޔެންސާއަށް ކުޅުނު ހައިދަރު އަކުރަމް ހިމެނެ އެވެ.