09 Jan 2013, 15:18
ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވި މުހައްމަދު ހާނިމް ކުލަބް ވެލެންސިޔާގެ މެނޭޖަރުކަމާއި މިއަދު ހަވާލުވެއްޖެ އެވެ.
ހާނިމް މިއަދު ވެލެންސިޔާގެ މެނޭޖަރު ކަމާ ހަވާލުވިއިރު، މީގެ ކުރިން ހާނިމް ވަނީ ނިއުރޭޑިއަންޓުގެ ޗެއާމަންކަން ވެސް ކޮށްފަ އެވެ.
ވެލެންސިއާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ޓީމުގެ ހެޑް ކޯޗަކު އަދި މުޅިން ފައިނަލް ނުވި ކަމުގައި ވިޔަސް، ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަންނަ ހަފްތާގެ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދު ޓީމާ ގުޅުނު އާ މެނޭޖަރު ހާނިމް އާއެކު ސީޒަނާ ޓީމް ކުރިމަތިލާނީ ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި ލިބުނު ނާކާމިޔާބީތަކުން އަރައިގަނެ، ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ފުރިހަމަ އުންމީދާއެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ، ޓީމުގެ ފަރިތަކުރުންތައް އާދިއްތަ ދުވަހު ފެށުމަށް ނިންމާފައި ވާއިރު، މިހާރުވެސް ޓީމުގައި 20 ކުޅުންތެރިންގެ ސްކޮޑެއް ހިމަނާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ އަދި ފައިނަލް ސްކޮޑެއް ނޫން ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
ސީޒަނައް ތައްޔާރު ވުމަށް ވެލެންސިޔާގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ އެސިސްޓެންޓް ކޯޗް އަހުމަދު ނާޝިދުގެ އިރުސާދުގެ މަތިން ކަމަށް ވެލެންސިޔާއިން މައުލޫމާތު ދެއެވެ.