09 Jan 2013, 15:01
އަލިމަސް ކާނިވާ ސަރަހައްދު ތަރައްގީ ކުރުމަށާއި މާލޭ ހުޅަނގު ދެކުނު ބަނދަރު، ޓީޖެޓީ ސަރަހައްދު ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)ން އަންގައިފި އެވެ.
އޭސީސީން މިއަދު ބުނީ އެދެ ސަރަހައްދު ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދާއިރު އެބިންތަކާ ގުޅޭ މައްސަލަތަކެއް ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާތީ ކޯޓު މަރުހަލާއިން ގޮތެއް ނިންމުމުގެ ކުރިން އެބިންތައް ތަރައްގީކުރުމަށް ހަވާލުކޮށްފި ނަމަ ވިޔަފާރި ވެރިންނަށާއި ސިޓީ ކައުންސިލަށާއި ސަރުކާރަށްވެސް ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމަށެވެ.
" މިކޮމިޝަނުން ބެލުމަށްފަހު ވަކިއެއްޗެއް އަންގަންދެން އަލިމަސް ކާނިވާ ސަރަހައްދުގެ ބިން ބީލަމުގެ އުސޫލުން ތަރައްގީ ކުރުމަށާއި މާލޭ ހުޅަނގު ދެކުނު ބަނދަރު ހިމެނޭ ސަރަހައްދު ތަރައްގީކުރުމަށް އެއްވެސް ފަރާތަކަ ހަވާލުނުކުރުމަށާއި އެއްވެސް ފަރާތަކާއެކު އެގްރީމަންޓް ނުކުރުމަށް 09 ޖެނުއަރީ 2013 ގައި މާލޭ ސިޓީ ކައިންސިލް އިދާރާއަށް ވާނީ އަންގާފަ އެވެ،" އޭސީސީއިން ބުންޏެވެ.
މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އަލިމަސް އުފާ ކާނިވާ ސަރަހައްދަކީ ގާނޫނީ ގޮތުން އެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށް ސިޓީ ކައުންސިލުން ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދުގައި ޕާކެއް ހެދުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތާއި މާލޭ ދެކުނު ފަރާތު ސަރަހައްދު ބަނދަރު ތަރައްގީ ކުރުމަށް ނިންމާފައިވާ މަސައްކަތްވެސް ހުއްޓާލަންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
އޭސީސީ އިން އެމަސައްކަތް ހުއްޓުވުމަށް އަންގާފައިވާއިރު ހައުސިން މިނިސްޓްރީން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލާފައިވަނީ ގަވާއިދާ ހިލާފަށްކަމަށް ކަމަށެވެ.