ކޮރަޕްޝަންގެ މައްސަލަތަކުގައި އެހީތެރިވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގާއިމްކޮށްފައިވާ ހިލޭ ގާނޫނީ ލަފާ ފޯރުކޮށްދޭ ލީގަލް އެޑްވައިސް ސެންޓަރުން މިދިޔަ އަހަރުގެ ތެރޭގައި 3000 އަށް ވުރެ ގިނަ ފަރާތްތަކަށް ގާނޫނީ ލަފަޔާއި ތަމްރީން ދީފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެފި އެވެ.

އެޖަމިއްޔާގެ އޮފިޝަލަކު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އެޖަމިއްޔާއިން އުފައްދާފައިވާ އެޑްވައިޒަރީ އެންޑް ލީގަލް އެޑްވައިސް ސެންޓަރަށް ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި 3000 އަށް ވުރެ ގިނަ ފަރާތްތަކުން މައުލޫމާތު ހިއްސާކޮށްފައިވާއިރު އެސެންޓަރުން 64 ކޭސް އެއް ބަލައިގަނެ އެއްފަހަރަށް ވުރެ ގިނަ ފަހަރު ގާނޫނީ ލަފާ ފޯރުކޮށްދީފައިވާ ކަމަށެވެ.

"ގާނޫނީ ލަފާދީފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބިމާ ބެހޭ 30 މައްސަލައަކާއި އާއިލާތަކުގެ 10 މައްސަލައަކާއި އަދި ގާނޫނާއި ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ 10 މީހެއްގެ މައްސަލައާއި ކޮރަޕްޝަނުގެ 14 މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެސެންޓަރުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ކަސްޓަމްސްއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އެސެންޓަރުގެ ހިދުމަތްތަށް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމުގެ ގޮތުން ވ. އަތޮޅުގަޔާއި އައްޑޫގައިވެސް މޯބައިލް ކެމްޕައިންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެސެންޓަރުގެ މަސައްކަތްތަށް ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށް ދިނުމުގެ ގޮތުން އިނގިރޭސި ބަހުންނާއި ބަންގާޅު ބަހުން ހިދުމަތްތަށްދިނުމަށް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެހިދުމަތްތަކުގެ ތެރެއިން ބޭރުގެ 350 މީހުންނަށް އެހިދުމަށް ދެވިފައިވާކަމަށް ވިދާޅުވިއެވެ.