09 Jan 2013, 13:37
ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖެއް އެޅުމަށް 150 މިލިއަން ޑޮލަރު ތުރުކީގެ އެގްޒިމް ބޭންކުން ނެގުމަށް މަޝްވަރާ ކުރަން ފަށައިފި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖެއް އެޅުމުގެ ޕްލޭންނަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވެމުން އައި ޕްލޭނެއް ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނުފެށިފައިވާތީ އެމަސައްކަތް ފެށުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރުވެސް މިދަނީ ތުރުކީގެ އެގްޒިމް ބޭންކާ ވާހަކަ ދައްކަމުން 150 މިލިއަން ޑޮލަރުގެ ލޯނެއް އެ ޕްރޮޖެކްޓަށް ނެގުމަށް. އެގޮތުގެ މަތިން އެ ލޯނުގެ ކަންތައްތަކާ މަޝްވަރާ ކުރަން އެގައުމަށް ދަތުރެއް ކުރުމަށްވެސް މިހާރު ވަނީ ނިންމާފައި. އަދި އެކަމަކު ލޯނު ހަމައެއްނުޖެހޭ،" ޖިހާދު ވިދާޅުވި އެވެ.
ބްރިޖް އެޅުމުގެ މަޝްވަރާތަކުގައި ހައުސިން މިނިސްޓަރު ޑރ. އަހުމަދު މުއިއްޒާއި ފިނޭންސްގެ އިސްބޭފުޅުން މިނިސްޓަރާ އެކު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ކަމަށް ފައިނޭންސް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި އެކަމުގެ ފެހި ސިގްނަލް ތުރުކީން ލިބިފައިވާ ކަމަށެވެ.
"އެއީ ވަރަށް މުހިންމު ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ އަތުގައި ޑީޓެއިލް ޕްލޭންތައް އެބަހުރި. އަޅުގަނޑުމެން އެ ހުރިހާ ޕްލޭނެއްވެސް އެކޮޅަށް ހުށަހަޅާނަން،" ޖިހާދު ވިދާޅުވި އެވެ.
މާލެއާއި ހުޅުލެއާ ދެމެދު ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ސަރުކާރުން ނިންމާފައިވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ސަރުކާރުން ލަފާކޮށްފައިވަނީ އެ ޕްރޮޖެކްޓަށް ޖުމްލަ 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އެ ޕްރޮޖެކްޓްގެ މަގުސަދަކީ މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމެވެ.