ބަޖެޓުން 64 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހދ. ވައިކަރަދު އާއި ލ. ކުނަހަންދޫގައި ހަދާ ބަނދަރުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އެމްޓީސީސީ އާއި އެކު ސަރުކާރުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ލ. ކުނަހަންދޫގައި 23 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ހަނދާނީ 400 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އަދި ހދ. ވައިކަރަދޫގައި 41 މިލިއަން ރުފިޔާ ހޭދަ ކޮށްގެން މިހާރު އޮތް 700 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރަކަށް 200 ފޫޓު އިތުރު ކުރާނެ އެވެ.

ހައުސިންގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަދުހަމް އަބްދުﷲ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ވައިކަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެންވަޔަރަންމެންޓް އިންޕެކްޓް އެސެސްމެންޓް ނިންމާ އަންނަ މަހުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން ވައިކަރަދޫގެ މުޅި ބަނދަރު އަލުން މަރާމާތު ކުރުމާއި ބޭރު ތޮށި ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް މުޅިން ނިންމާލެވޭއިރު 900 ފޫޓުގެ ދިގު 250 ފޫޓު ފުޅާ ބަނދަރެއް ލިބި ރަށުގެ ތަރައްގީ އަށާއި ކުރިއެރުމަށް މަގުފަހި ވެގެން ދާނެކަމަށްވެސް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްގެ ދަށުން މިހާރު ވައިކަރަދޫގައި ހެދިފައިވާ ބަނދަރު އެއްކޮށް ނަގާ މުޅިން އާ އެއްގަމު ތޮއްޓަކާއި، ބޭރު ތޮއްޓެއް ލެވިގެންދާނެ. ފަޅުވެސް ފުން ކުރެވޭނެ. ވައިކަރަދޫ ބަނދަރާއި އެއްގަމު ތޮށި ހަލާކުވެފައި ވާތީ ވަރަށް ނުރައްކާތެރި ހާދިސާތައް ވެސް ކުރިމަތި ވަމުން އެބަދޭ. އެހެންކަމުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް މިކަމަށް ވަނީ ދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ލ. ކުނަހަންދޫ ބަނދަރުގެ މަޝްރޫއު އަށް ބައްލަވާ ލައްވަމުން މިނިސްޓަރު ވިދާޅުވީ ކުނަހަންދޫ ބަނދަރުގެ މަސައްކަތަކީ މީގެ އެތައް އަހަރެއް ކުރިން މަސައްކަތް ފަށާ އެކި ސަބަބުތަކާއި ގުޅިގެން ކުރިއަށް ނުގޮސް ހުއްޓިފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިއަދު މި ސޮއިކުރި އެއްބަސް ވުމުގެ ދަށުން ބަނދަރުގެ މަސައްކަތް ހުއްޓާނުލާ މުޅިން ނިންމާ ލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުނަހަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ރަށުގެ ބަނދަރު ސަރަހައްދުން ބައެއް ހިއްކަންވެސް ހަމަ ޖެހިފައިވާ ކަމަށެވެ.