09 Jan 2013, 13:07
ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް(ޕްރެޑް) އިން ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓަތަށް ވިއްކުމުގެ މަސައްކަތްތަށް ފަށައިފި އެވެ.
މުއްސަދިންނަށް ހާއްސަކޮށްގެން ހުޅުމާލެ ބާބަކިޔު ސަރަހައްދު ކައިރީގައި އިމާރާތްކޮށްފައިވާ އެ އިމާރާތާ ގުޅޭގޮތުން ޕްރެޑްގެ ޑިރެކްޓަރާ ގަހުތާން ހަލީމް މިއަދު ވިދާޅުވީ އެއެޕާޓްމަންޓްތަށް ވިއްކަން ފަށާފައިވަނީ ތިން މިލިއަން ރުފިޔާއަށް ވުރެ މަތީ އަގުތަކެއްގައި ކަމަށެވެ. ގަހުތާން ވިދާޅުވީ އެ އިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާނީ އެކި އަގުތަކުގައި ކަމަށާއި މިފަހަރުގެ ފިޔަވަހީގެ ދަށުން 48 އެޕާޓްމެންޓެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
"ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓްތަކުގެ ތެރޭގައި އެބައުޅޭ ޖުމްލަ 48 އެޕާޓްމަންޓެއް، އޭގެ ތެރޭގައި ހިމެނެނީ ތިން ބެޑްރޫމްގެ 24 އެޕާޓްމަންޓާ، ހަތަރު ބެޑްރޫމުގެ 22 އެޕާޓްމެންޓާއި ހަ ޕެންޓް ހައުސް، އަދި މިފަހަރުގެ އެޕާޓްމަންޓްގައި ޖިމާއި ސުވިމިން ޕޫލާއި 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތް ލިބޭނެ،" ގަހުތާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއެޕާޓްމެންޓްތަކަކީ ވަރަށް ކޮލެޓީގކޮށް ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެޕާޓްމެންޓްތަކެއް ކަމަށެވެ. އަދި އެޕާޓްމެންޓްތަށް ގަތުގުމުގެ ފުރުސަތު ޕްރެޑްގެ އޮފީހުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެ އެޕާޓްމެންޓްތަކަށް ބޭނުންވާ ފައިނޭންސް ކޮންމެ ބެންކަކުންވެސް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެއެޕާޓްމެންޓްތަކަށް އިސްލާމިކް ބޭންކުގެ ތާޑް ޕާޓީ ފައިނޭންސިން ނުވަތަ އިންސްޓޯލްމެންޓު އުސޫލުން ފައިސާ ދޫކުރާއިރު އިސްލާމިކް ބޭންކުގެ ސީނިއާ މާކެޓީން އޮފިސާ މުހައްނަދު ޝަފާއު ހަސަން ވިދާޅުވީ އެ ބެންކުން އެފުލެޓްތަކުގެ އެޑުވާންސްގެ ގޮތުގައި ޕްރެޑްއަށް ދައްކަންޖެހޭ 30 ޕަސެންޓް ދެއްކުމުން އެޕާޓްމެންޓްތަކުގެ އަގުގެ 70 ޕަސެންޓް ފައިނޭންސް އެބެންކުން ދޫކުރާނެ ކަމަށެވެ. އަދި ބުނީ ދައްކާ ފައިސާ އަނބުރާ އެބެންކަށް ދައްކަންޖެހޭނީ 10 އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި އެމުއްދަތުގެ ތެރޭގައި އަހަރަކު ދައްކަންޖެހޭނީ ނެގި ފައިސާގެ 10.5 ޕަސެންޓް ކަމަށެވެ.
ޕުރެޑް އިން ދެވަނަ ފިޔަވަހީގަިއ އިމާރާތްކޮށްފައިވާ އެޕާޓްމެންޓްތަށް ވިއްކަންފަށާފައި ވާއިރު އެކުންފުނިން ހުޅުމާލޭގައި އިމާރާތްކޮށް ވިއްކި ފުރަތަމަ ފިޔަވައްސަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.