ގއ. އަތޮޅުގެ ރަށްތަކުގައި ލޮލު ރޯގާ އާއި ބޭރަށް ހިންގުންފަދަ ބަލިތަކާއި މާބަނޑު އަންހެނުނަށާއި ކުޑަކުދިންނަށް އަތޮޅު ހޮސްޕިޓަލުން "އެކަށީގެންވާ" ފަރުވާ ނުދެވޭތީ އަތޮޅުގެ ސިއްހީ ހާލަތާމެދު ސަރުކާރުން އިހްމާލުވެފައިވާ ކަމަށް ގއ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ގއ. އަތޮޅު ކައުންސިލްގެ ޕީޕީއެމް ކައުންސިލަރު އާމިރު އަލީ މިއަދު ވިދާޅުވީ ރަށްރަށުގެ ބޭސް ފިހަރާތަކުގައި ޕެނަޑޯލް ފިޔަވައި އެހެން ބޭހެއް ނެތް ކަމަށާއި އަތޮޅުގެ އަށް ރަށުން ހިދުމަތް ހޯދުމަށް އަންނަ ހޮސްޕިޓަލުގައި ތިއްބަވަނީ އެންމެ ދެ މެޑިކަލް އޮފިސަރުން ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ އެކްސްރޭ މެޝިނާއި ސެކޭން ކުރާނެ ނިޒާމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްތަކުގައި ބަލި ވެސް އެހާ ގިނަ. ލޮލުރޯގާ އާއި ބޭރަށް ހިންގުމާއި މިކަހަލަ ބަލިތަކެއް އެބަ ފެތުރޭ. ދެން އެއްވެސް ބޭސްފިހަރައެއްގައި ބޭހެއް ނެތް. އެވެސް ކަހަލަ އެންޓިބަޔޮޓިކެއް ނެތް. ޕެނަޓޯލް ފިޔަވައި އިތުރު އެއްވެސް އެޗެއް ނެތް،" އާމިރު އަލީ ވިދާޅުވި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅާ މިވަގުތު ހުންނެވީ ޗުއްޓީގަ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް އަތޮޅު ހޮސްޕިޓަލުގެ އިދާރީ މުވައްޒަފަކު މިއަދު ވިދާޅުވީ ކުރިން އެ ހޮސްޕިޓަލުގައި ގައިނީ ޑޮކްޓަރުންގެ އިތުރުން ގިނަ ޑޮކްޓަރުންތަކެއް ތިއްބަވާ ކަމަށެވެ. ނަމަވެސް މިހާރު ހޮސްޕިޓަލްގެ ހާލަތު ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލަށް ރޭ އެމެޖެންސީކޮށް ގެނައި މާބަނޑު އަންހެނަކަށް ފަރުވާ ނުދެވިގެން، މިއަދު ހެނދުނު 6:00 ޖެހިއިރު ވަނީ އެމްއެންޑީއެފްގެ ރެހެންދި ހެލިކަޕްޓަރުގެ އެހީގައި އައްޑޫ ސިޓީ ހިތަދޫއަށް ފޮނުވާފަ އެވެ. އަދި އެ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

"އަންހެން މީހާ ބްލީޑްވާތީއާ އެކު ހޮސްޕިޓަލުން ލަފާދިނީ ދާން. މިކޮޅުގައި އަންހެނުންގެ ޑޮކްޓަރެއް އަދި ހޭނައްތާ ޑޮކްޓަރެއް ވެސް ނެތް. އެންމެ ކުޑަމިނުން ބޭބީގެ ހާޓް ބީޓް ބަލައިލާނެ އެއްޗެއް ވެސް ނެތް. މިހާލަތުގައި އޮއްވާ މައިމީހާ ބްލީޑްވެ، ކުއްޖާއަށް ބަނޑުތެރެއަށް ޕުއްޕުލެވި، އެމެޖެންސީ ހާލަތަކަށް ދިޔައީ. އެންމެ ފަހުން މިއަދު ހެނދުނު އިރުއެއިރު 6:00 ގައި ވަނީ އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި އައްޑޫއަށް ފޮނުވާފައި،" އާމިރު ވިދާޅުވި އެވެ.

ގއ. އަތޮޅުގެ ސިއްހީ ހާލަތާމެދު އަތޮޅު ކައުންސިލުން ކަންބޮޑުވުންފާޅު ކުރުމުން، ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.