09 Jan 2013, 12:01
ވެރިކަން ފުރޮޅުނު ގޮތް ތަހުގީގު ކުރުމަށް އުފެއްދި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ބަޔާންތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ރައީސް އޮފީހުން ނުފޮނުވުމުން، އެ ބަޔާންތައް މަޖިލީހަށް ފޮނުވުމަށް މަޖިލީހުގެ އަމުރު ނެރުމަށް އެމްޑީޕީން ކޮމެޓީގައި ނަގަން އުޅުނު ވޯޓް ނާކާމިޔާބުވެއްޖެ އެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ބަޔާންތައް ދިނުމަށް ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމުން ވެސް، ބަޔާންތައް މަޖިލީހަށް ފޮނުވާފައި ނުވާތީ އެބަޔާންތައް މަޖިލީހަށް ހޯދުމަށް އަމުރެއް ނެރުމަށް މިއަދު ބޭއްވި ކޮމެޓީއަށް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އަބްދުﷲ ޖާބިރެވެ. އަމުރު ނެރުމަށް ވޯޓަށް އެހުމުން އެމްޑީޕީގެ ފަސް މެންބަރުން އެ ހުށަހެޅުމަށް ތާއިދުކޮށް ވޯޓް ދެއްވި އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އަހުމަދު ނިހާން ހުސައިން މަނިކު، އެ އަމަރު ނެރުމަށް ދެކޮޅު ހައްދެވިއިރު، ޝަރީފު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އަމަރެއް ނެރުމަށް މަޖިލީހުގެ އަމަލު ކުރާ އުސޫލުންނަމަ ކޮމެޓީގެ 11 މެންބަރުންގެ ތެރެއިން ހަ ވޯޓް ބޭނުންވާނެ އެވެ. ކޮމެޓީގެ މުގައްރިރަކަށް އެ ވޯޓްގައި ބައިވެރިއެއް ނުވެ އެވެ. ކޮމެޓީއަށް ހާޒިރުވި އަށް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުން ވޯޓުން އަމުރު ނެރުމަށް ފާހެއް ނުވި އެވެ.
ކޯނީން ނަގާފައިވާ ބަޔާންތަކުގެ ތެރެއިން ކޮމެޓީން ހޯދަން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފާއި އެމްއެންޑީއެފްގެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ ޗީފް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ އިބްރާހިމް މުހަންމަދު ދީދީ އާއި އާއި މިހާރުގެ ޗީފް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އަދި ކާނަލް މުހަންމަދު ޒިޔާދުގެ ބަޔާނެވެ.
މިހާރު ކުރިއަށްދާ ކޮމެޓީއަށް ޕޮލިސް އިންޓެލިޖެންސްޑިޕާޓް މަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) ހާޒިރުކޮށް، ސުވާލު ކުރަމުން އެބަދެ އެވެ. އަދި މިއަދު މެންދުރުފަހު 1:00 ގައި މި ސަރުކާރުގެ ފުރަތަމަ ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައިދު ވެސް ހާޒިރު ކުރުމަށް ނިންމާފައިވެ އެވެ.
ނަމަވެސް ކޮމެޓީ ވަނީ މީޑިއާގައި ކޮމެޓީގެ ނުހިމެނޭ މެންބަރުންނަށް ނުވަދެވޭ ގޮތައް ސިއްރުކޮށްފަ އެވެ. ކޮމެޓީ ކުރިއަށްދާއިރު، ކޮމެޓީގެ މުގައްރިރުގެ އެދުމުގެ މަތިން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ ސިފައިންދަނީ ހިނގާފާނެ ހަމަނުޖެހުމަކަށްޓަކައި ކޮމެޓީގެ ދޮރުކައިރީގައި ފޯރިމަރަމުންނެވެ.