09 Jan 2013, 11:57
އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ހދ.ހަނިމާދޫގެ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދު ފެންސް ޖަހައި ވަކިކުރުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ ގޮތުން ސިފައިން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއާޕޯޓްގެ ރަންވޭ ވަށާ ފެންސްޖެހުމުގެ މަސައްކަތާއި ފެންސް ޖަހަންޖެހޭ ސަރަޙައްދުގެ ވަލުތެރޭގެ ގަސްތައް ކޮށައި މުޅި ސަރަޙައްދު ސާފުކޮށް، ރަންވޭން ފެށިގެން ކްލިއަރެންސް ބޭނުންވާ 500 މީޓަރު އޭރިއާއެއް އެއްކޮށް މިހާރު ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓްގެ ރަންވޭގައި 1500 މީޓަރު ދިގުމިނުގެ ބޮޑު ސަރަޙައްދެއްގައި ޖެހުމަށް ހަމަޖައްސާފައިވާ ފެންސުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު އެ ފެންސް ދަނގަޑުތައް ވެލްޑިންގް ކުރުމާއި ފެންސްގެ ބުޑު ހެދުމަށް ދެ ފޫޓްގެ އުސްމިނުގައި 500 މީޓަރުގެ ކޮންކްރީޓް ފާރު ބުރިއެއް ރޭނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކޮންކްރީޓްގެ މަސައްކަތް އެއްކޮށް ނިންމާ، ދާޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމަސައްކަތުގައި އެމްއެެންޑީއެފާ އެކު އެއާޕޯޓް ކޮމްޕެނީގެ މުވައްޒަފުންނާއި އައިލެންޑް އެކްސްޕާޓުން ވަނީ ބައިވެރިވެފަ އެވެ.