09 Jan 2013, 11:45
ހުސްވިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އުފުލާލުމަށްފަހު އެތަށި ދިފާއު ކުރުމަށް މިއަހަރު ނިކުންނަ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމުގެ ހެޑް ކޯޗުކަމަށް ކުރިން އެޓީމަށް ކުޅުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިރުޣާމް ސަޢީދު (ލަރޭ) ހަމަޖެއްސުމަށް އެ ޓީމުން ނިންމައިފި އެވެ.
ލ. އަތޮޅު ކުނަހަންދޫ ކައުންސިލަރެއްގެ ގޮތުގައި މިވަގުތު ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރިވަމުންދާ ލަރޭ "ސަން އެފްއެމް"ގެ ކުޅިވަރު ޕްރޮގްރާމަށް ހޯމަދުވަހުގެރޭ ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިކްޓަރީ ސްޕޯޓްސް ކުލަބުން އޭނާއަށް އެފުރުސަތު ދީފައިވާ ކަމަށެވެ.
"ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ ޒަރިޔަންދު އާއި އަދި މިހާރުގެ ޗެއާމަން އަޅުގަނޑާ ބައްދަލުކުރަށްވައި ވިދާޅުވި 'ލަރޭ' ވިކްޓަރީއާ ހަވާލުވާންވީ ނޫންހޭ. ދެން އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ދެވެން އޮތް އެއްބާރުލުމެއް އިރާދަކުރެއްވިއްޔާ ވިކްޓަރީއަށް ދޭނެކަމަށް،" ލަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު އޭނާ ހުރީ ވަރަށް ޒިންމާދާރު ވަޒީފާއެއްގައި ކަމަށް ވުމުން ގޮތެއް ނިންމުމުގެ ކުރިން އޭނާ އެދާއިރާއެއްގައި މަސައްކަތް ކުރާ ކުނަހަންދޫ ރައްޔިތުންގެ ހިޔާލު ހުރިނެއްގޮތްވެސް ބައްލަވަން ބޭނުންފުޅުވާ ކަމަށާއި އަދި ވިކްޓަރީން ވަނީ އޭނާއަށް އެކަމާ ވިސްނުމަށްފަހު ގޮތެއް ނިންމުމުގެ ފުރުސަތުވެސް ދީފައި ކަމަށެވެ.
"އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން މިވަގުތު 'ލަރޭ' ހަވާލުވެ މިހިރީ ވަރަށް ޒިންމާދާރު ވަޒީފާއަކާއޭ. އެވަޒީފާ ދޫކޮށްލާފައި ވިކްޓަރީގެ ކޯޗުކަމާ ހަވާލުވާއިރު އަޅުގަނޑު އެބަޖެހޭޔޭ ވަރަށްބޮޑަށް ވިސްނަންވެސް. އެއީ އަޅުގަނޑު ކައުސިލަރުކަން އަދާކުރާ ރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި އެމީހުންގެ ފިކުރުވެސް ވަރަށް މުހިއްމު. އެގޮތުގެ މަތިން ވިކްޓަރީންވެސް މިވަނީ އަޅުގަނޑަށް ވިސްނާނެ ފުރުސަތެއް ދީފައި،" ލަރޭ ވިދާޅުވި އެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބުން ނިންމާފައިވަނީ އެޓީމުގެ ޖޫނިއާ ޓީމުގެ ކޯޗުކަމާއި އަދި ސީނިއާ ޓީނުގެ އެސިސްޓެންޓް ކޯޗުކަން އޭނާއާއި ހަވާލު ކުރުމަށެވެ. އަދި ދެތިން ދުވަހެއްގެ ތެރޭގައި އޭނާ ގޮތެއް ނިންމުމަށްފަހު ޓީމަށް ޖަވާބެއް އަރުވާނޭ ކަމަށްވެސް ލަރޭ ވިދާޅުވި އެވެ.
"ވިކްޓަރީން ހުށަހަޅާފައި މިވަނީ އަޅުގަނޑު ޖޫނިއާޓީމުގެ ކޯޗުކަމާއި އަދި ސީނިއާޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވާން.. އަޅުގަނޑު ދަންނަވާފައި ވާނީ ދެތިން ދުވަހެއްގެ ތެރޭގައި ޖަވާބެއް އަރުވާނޭ ކަމަށް... ހަމަގައިމުވެސް އަޅުގަނޑުގެ ނިންމުން ވެގެންދާނީ ވިކްޓަރީއަށް އުފާ ވެރި ނިންމުމަކަށް،" ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާވަށު ދާއިރާއަށް ކުރިމަތި ލެއްވުމުގެ ފިކުރުވެސް ގެންގުޅުއްވާ ލަރޭ ވިދާޅުވި އެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބާއި ލަރޭ ހަވާލުވާއިރު އެޓީމު މިވަގުތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށް ވިދާޅުވަމުން ލަރޭ ވިދާޅުވީ އޭނާ ޓީމާ ހަވާލުވާއިރު އެޓީމަށް ކުނަހަންދޫގެ ޒުވާން ތިން ކުޅުންތެރިޔަކު ގެންދާނެ ކަމަށެވެ. އަދި ޓީމު މިހާރު އޮތް ހާލަތުން ތަރަށްގީކޮށް ރަނގަޅު ކާމިޔާބެއް ހޯދުމަކީ އޭނާ މިވަގުތު ކުރިމަތި ލަށްވަން ބޭނުންފުޅުވާ އެންމެ ބޮޑު ޗެލެންޖު ކަމަށްވެސް ލަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާއަކީ ވިކްޓަރީ ސްޕޯޓްސް ކުލަބުން އުފެއްދި "ބްރޭންޑެއް" ކަމަށާއި މިވަގުތަކީ އޭނާގެ ހިދުމަތް ޓީމަށް ވަރަށް މުހިންމު ކަމަށެވެ.