09 Jan 2013, 11:10
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ މައްސަލަތައް ބަލައި، ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މިދިޔަ އަހަރު ހުށަހެޅިފައިވާ މައްސަލަތައް 2011 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ގާނޫނާއި ގަވާއިދާ ހިލާފުވި 143 ކުއްޖެއްގެ މައްސަލަ މިދިޔަ އަހަރު އެތަނަށް ހުށަހެޅިފައިވެ އެވެ. އެއީ 2011 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ބަލާއިރި 23 ޕަސެންޓް އިތުރު އަދަދެއްކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޖިންސުގެ ގޮތުން ބަލާއިރު ފިރިހެން ކުދިންގެ 124 މައްސަލަ މިދިޔަ އަހަރު ހުށަހެޅިފައިވާއިރު އަންހެން ކުދިންގެ ހުށަހެޅިފައި ވަނީ 19 މައްސަލަ އެކެވެ. އަދި އެންމެ ގިނައިން މައްސަލަތައް ހުށަހެޅިފައި ވަނީ އޭޕްރީލް މަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު އެންމެ މަދުން މައްސަލަ ހުށަހެޅިފައި ވަނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނީ މިދިޔަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ކުށްކުރާ އަންހެން ކުދިންގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ވަރަށް ފޯރުކޮށްދެވިފައި ނުވާ ކުދިން ކަމަށާއި ތަކުރާރުކޮށް އަނިޔާ ލިބިގެން ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅިފައިވާ ކުދިން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުންޏެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް ކުދިންނަކީ ސްކޫލަށް ނުދާ ކުދިންނެވެ. އަދި ސްކޫލަށް ދަނީ ހުށަހެޅިފައިވާ މައްސަލަތަކުގެ 30 ޕަސެންޓް ކުދިން ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ސްކޫލަށް ނުދާކުދިންގެ ތެރެއިން ތަފާތު ސަބަބުތަކާ ހުރެ އެންމެ ގިނައިން ކިޔެވުން ހުއްޓާލާފައި ވަނީ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ކުދިންނެވެ. އަދި ގްރޭޑް 5،6،7،8،9 ގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ބައެއް ކުދިން ވެސް ކިޔެވުން ހުއްޓާލާފައިވާއިރު ތަފާތު ސަބަބުތަކާ ހުރެ ސްކޫލުން ވަކިވެފައިވާ ކުދިން ކުށްކުރުން އިތުރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ހާމަވެއެވެ.