މޫސުމީ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށްޓަކައި އިތުރު "ސްޓަންޓެއް" ޖެއްސެވުމަށް ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. މިފަހަރު ރައީސް ނަޝީދު ވަޑައިގަންނަވަނީ، މޫދު އަޑިއަކަށް ނޫނެވެ. ބިމު އަޑިއަކަށް ވެސް ނޫނެވެ. ބިމުން މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގެ ފުރާޅުމައްޗަށެވެ.


ޕްރެސް ސެކްރެޓެރީ މުހައްމަދު ޒުހައިރު ވިދާޅުވީ މުލިއާގެ، ކާބަން ނިއުޓްރަލް ނުވަތަ 100 ޕަސަންޓް އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ފުރަތަމަ ރިޔާސީ ގަނޑުވަރަށް ހެދުމަށްޓަކައި، އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ ސަންގެވެޓީ ކުންފުނިން ވަނީ، 30000 ޔޫއެސް ޑޮލަރުގެ އަގުހުރި ސޯލާ ޕެނަލްތަކެއް ރައީސް ނަޝީދަށް ހަދިޔާކޮށްފައި ކަމަށެވެ. ފަންސަވީސް އަހަރުގެ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އެ ޕެނަލްތަކުން، މި މުއްދަތުގެ ތެރޭގައި، ކަރަންޓު ޚަރަދު އެއް ލައްކަ ޑޮލަރަށް ކުޑަކޮށްދޭ ކަމަށް ވެއެވެ.


މި ކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ޕެނަލްތަކުގެ އަގާއި، މޮޅު ކަމެއް ނޫނެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެފައި ވަނީ، އެ ޕެނެލްތައް ހަރުކުރެއްވުމަށް، މުލިއާގޭ ފުރާޅަށް ހުދު ރައީސް ނަޝީދު އަރައިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކަމަށް އެކަށީގެންވާ ހެދުންކޮޅެއް ތުރުކުރައްވާ، ތޮތްޕެއް އަޅުއްވައިގެން ޕެނަލްތައް ހަރުކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ނަމަވެސް، އެމެރިކާގެ އެ ކުންފުނިން ރައީސް ބަރަކް އޮބާމާއަށް ހަދިޔާކުރެއްވި ސޯލާ ޕެނަލްތައް ވައިޓް ހައުސްގައި ހަރުކުރުމަށް އޮބާމާ ވަނީ ދެކޮޅުހައްދަވާފަ އެވެ. އެހެންކަމުން، ދުނިޔޭގެ އާރާއިބާރު ބޮޑު ގައުމުގެ ރައީސް އެކަމާ ދެކޮޅު ހެއްދެވިއިރު، ދުނިޔޭގެ ޗާޓުން ވެސް ނުފެންނަ ފަދަ ކުޑަ ގައުމެއްގެ ރައީސަކު މިކަން ކުރެއްވުމަށް އެއްބަސްވެވަޑައިގަތުމަކީ، "މަޖާ" ކަމެއްގެ ގޮތުގައި ވެސް ބައެއް ބޭރުގެ މީޑިއާތަކުން ފާހަގަކުރެ އެވެ. އަދި މިއީ ތިމާވެށީގެ އެޑްވޯކޭޓުން ކުރިމަތީ ރާއްޖޭގެ ދަރަޖަ އެމެރިކާއަށް ވުރެ މަތިވެގެންދާނެ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން އެބަދެ އެވެ.


މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވި މޫސުމީ ބޮޑު ސަމިޓުގެ ކުރިން ދުނިޔެއިން ފާހަގަކުރި 350 ކެމްޕޭނުގައި ވެސް އެންމެ "ވިދާލި" ޝަޚްސިއްޔަތަކީ ރައީސް ނަޝީދެވެ.


މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހު ދުނިޔޭގެ ގިނަ ބައެއްގެ ލޯތައް ރާއްޖެއަށް ހުއްޓިގެންދިޔައީ، މުޅި ކެބިނެޓާއެކު މޫދު އަޑީގައި ރައީސް ނަޝީދު ބޭއްވެވި ތާރީހީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ސަބަބުންނެވެ.


މިފަހަރު މުލީއާގޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ "ސްޓަންޓް" ހަމަޖެހިފައި އޮތީ މިއަހަރު ތެރޭ އަންނާނެ އެންމެ ތާރީހު ރީތި ދުވަސް ކަމަށްވާ 10.10.10 ވާ އާދިއްތަ ދުވަހު އެވެ. އެ ދުވަހަށް މިކަން ޚާއްސަ ކޮށްފައި ވަނީ، އެތާރީޚަކީ މިއަހަރު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ 350 ކެމްޕޭން ދުވަހަށްވާތީ އެވެ.