ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބުނެފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކުރުމަށް ފަހު އެކަން ނަޝީދަށް އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

"ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނަޝީދަށް ދިން މުއްދަތު މިހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ އިތުރިުކޮށްދީފައި. އަދި އިއްޔެގެ ވަގުތެއްގައި މި ކޯޓުން ވަނީ އެކަން ނަޝީދަށް އަންގާފައި،" ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަޝީދުގެ އެ ދަތުރުފުޅަކީ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ކުރައްވާ ދަތުރުފުޅެއް ކަމަށް އޭނާގެ އޮފީހުން ވަނީ ބުނެފަ އެވެ.

ނަޝީދުގެ ޝަރީއަތް ބާއްވާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރިނަމަވެސް ހުޅުމާލޭ ކޯޓުގައި ދެން އެ ޝަރީއަތް ބޭއްވޭނީ ސުޕްރީމް ކޯޓުން ކުރާ ހުކުމަކުން ކަމަށް ބެލެވެ އެވެ. ސަބަބަކީ ހުޅުމާލޭ ކޯޓަކީ ސައްޚަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއަސް، ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަކީ ޣައިރު ގާނޫނީ ބެންޗެއްކަމަށް ވިދާޅުވެ އޭނާ ހައިކޯޓަށް ހުށަހެޅި މައްސަލަ އަދި ނިމިފައި ނުވެ އެވެ. އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ނަޝީދުގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލަން ހައިކޯޓުން ވަނީ ހުޅުމާލޭ ކޯޓުގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އަދި ހައިކޯޓުން އެ މައްސަލަ ނަޝީދާ ދެކޮޅަށް ނިމިއްޖެނަމަ އޭނާގެ ގާނޫނީ ޓީމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. އަދި ނަޝީދާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ ދައުލަތުން ވެސް އެ މައްސަލަ އިސްތިއުނާފު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.