09 Jan 2013, 09:33
ހުސްވި އަހަރު ރާއްޖޭގެ ފުޓްބޯޅައިގާ އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލްބުގެ ހެޑް ކޯޗުކަމަށް ހަމަޖެއްސި ބަލްގޭރިޔާގެ ކުރީގެ ފުޓްބޯޅަ ތަރި ވެލިޒާރު ޕޮޕޯފް، މިއަދު ހެދުނު މާލެ އަތުވެއްޖެ އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއަށް ކޯޗް ކޮށްދިނުމަށް މިއަދު މާލެ އައި އުމުރުން 36 އަހަރުގެ ވެލިޒާރު ޕޮޕޯފް މީގެ ކުރީން ކޯޗުކަން ކޮށްދެމުން ގެންދިޔައީ މޮލްޑޯވާގެ އެފްސީ ކޮސްޓުލޭނީ ކިޔާ ޓީމަކަށެވެ. އޭނާ ނިއުއަށް ކޯޗުކަންކޮށްދޭނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ނިއުގެ މެނޭޖަރު އިބްރާހިމް ސާޒް ހަބީބް މިއަދު ވިދާޅުވީ، އާކޯޗާއެކު ޓީމުގެ ފަރިތަކުރުންތައް މާދަމާ ހަވީރު ފެށުމަށް ނިންމާފައި ވާއިރު ޓީމުގައި ޖުމްލަ 15 ކުޅުންތެރިންގެ ސްކޮޑެއް އޮތް ކަމަށެވެ. އެހެން ނަމަވެސް ނިއުގެ ޔޫތް ޓީމާއެކު ނިއުގެ ފުލް ސްކޮޑް ނެގޭނެ ކަމަށް ވެސް ސާޒް ވިދާޅުވިއެވެ.
ނިއުރޭޑިއަންޓުން މީގެ ކުރިން އެފްއޭއެމްގައި ބޭއްވި ނޫސްކޮންފަރެސްއެއްގައި ބުނީ، އާ ކޯޗް ޕޮޕޯފް އަކީ ޒުވާން ކޯޗަކަށް ވުމުން ނިއުރޭޑިއެންޓުގައި މިހާރު އޮތް ޒުވާން ބޯޑާއި މެނޭޖްމަންޓާއެކު މަސައްކަތް ކުރުމަށް ފަސޭހަވެގެން ދާނޭކަމަށެވެ. އަދި ނިއުގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު (ބަލަކް) ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ކޯޗަކީ 2002 ވަނައަހަރު ހިސާބުގައި ޕޯޓޯ ގަލަތަސަރާއީ ސްޕޯޓިން ލިޒްބަންފަދަ ޓީމުތަކަށް ކުޅުނު ބުރެޒިލް ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވަޑް މާރިޔޯ ޖާޑެލް އަށްވެސް ޕޮޕޯފް ވަނީ ކޯޗުކަން ކޮށްދީފައި ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ފަސްޓް ޑިވިޒަން ޓީމެއްގެ ކުޅުންތެރިންނަށް މިފަދަ ތަޖުރިބާތަކެއް ކޮށްފައި ހުރި ރަނގަޅު ކޯޗަކު ލިބުމުން އޭގެ ފައިދާތައް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށެވެ.
އާކޯޗް ވެލިޒާރު ޕޮޕޯފް އާއެކު ނިއުގެ އެސިސްޓެންޓު ކޯޗުންގެ ގޮތުގައި ހަމަޖއްސާފައި ވަނީ ނިއުގެ ޔޫތު ޓީމުގެ ކޯޗު ކުރީގެ މަޝްހޫރު ގޯލްކީޕަރު އިގުބާލް އާއި ކުރީގެ ގައުމީޓީމުގެ މަޝްހޫރު ފޯވަޑް ތޮއްޑޫ ނިޒާމެވެ.