ކަރަކާސް (ޖަނަވަރީ 9) : ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒްގެ އާލާސްކަންފުޅުގެ ސަބަބުން ރިޔާސީ އާ ދައުރަކަށް މިމަހުގެ 10 ވަނަ ދުވަހު ޤާނޫނީ ހުވާ ކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވެނެޒުއެލާ ސަރުކާރުން ބުނެފި އެވެ.

ވެނެޒުއެލާ ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ ޗާވޭޒްގެ ސިއްޙީ ހާލުކޮޅު މިވަގުތު ހުރިގޮތުން ރިޔާސީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ކަންތައްތައް ޖެހޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަސްކުރަންކަމަށެވެ. މިމައްސަލާގައި ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުންވަނީ ޤާނޫނީ ސުވާލުތަކެއް އުފައްދާފަ އެވެ. އަދި މިކަމާ އިޙްތިޖާޖު ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުންވަނީ މަގުތަކަށްވެސް ނުކުމެފަ އެވެ. ނަމަވެސް ޗާވޭޒަށް ލިބިފައިވާ ރައްޔިތުންގެ ތާއީދާއި ހަމްދަރްދީ ބޮޑުކަމުން އިދިކޮޅު ފަރާތްތަކަށް ޗާވޭޒާ ދެކޮޅަށް މާބޮޑުކަމެއް ކުރެވޭނެ ކަމަށް ނުބެލެވޭކަމަށް މުރާސިލުން ބުނެ އެވެ.

ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އެންރީކީ ކެބްރީލީސް ވަނީ މިމައްސަލާގައި ކަންކުރާނެގޮތުގެ ޤާނޫނީ އަމުރެއް ނެރެދިނުމަށް އެގައުމުގެ ސްޕްރީމް ކޯޓަށް ގޮވާލައްވާފަ އެވެ. ޗާވޭޒަކީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ޤާނޫނީ ގޮތުން ވެނެޒުއެލާގެ އިންތިޚާބުކުރެވިފައިވާ ރައީސް ކަމަށްވާއިރު އޭނާގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ވެރިކަމުގެ ހުވާ ނުކުރެވި ލަސްވުމަކީ ވެރިކަމަށް ސިއްޙީ ގޮތުން އޭނާ ކުފޫ ހަމަނުވާކަން ހާމަ ކޮށްދޭ ކަމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އާ އިންތިޚާބަކަށްވެސް ގޮވާލާފަ އެވެ.

އިންތިޚާބެއް ބާއްވައިގެން ރައީސަކު ހޮވެންދެން ޕާލަމެންޓްގެ ރައީސް ވެރިކަމާ ވަގުތީ ގޮތުން ޙަވާލުވުމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެދެމުންނެވެ. އިދިކޮޅު ފަރާތްތަކުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޕާލަމެންޓްގެ ރައީސް ދިޔުސްދާދޯ ކަބީލިޔޯ ވަނީ ޗާވޭޒްގެ ވެރިކަން އިންޤިލާބު ކޮށްލުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ޗާވޭޒް ވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ކުރެއްވި އޮޕަރޭޝަނަކަށްފަހު ކިޔުބާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އޭނާއަށް ތެދުވެއުޅުއްވޭނީ އަދި ދެހަފްތާއެއްހާ ދުވަސްފަހުން ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ބީ.ބީ.ސީ)