ވޮޝިންޓަން (ޖަނަވަރީ 9) : އަންނަ އަހަރުގެ ތެރޭގައި އެމެރިކާ ސިފައިންގެ ހުރިހާ ފައުޖުތަކެއް އަފްޣާނިސްތާނުން ބާލާނެ ކަމަށް އެމެރިކާ ސަރުކާރުން ފުރަތަމަ ފަހަރަށް އިޝާރާތްކޮށްފި އެވެ.

އެމެރިކާގެ އަމްނާބެހޭ އިސް މަސްއޫލުވެރިއެއް ކަމަށްވާ ބާން ރޯޑެޒް ވޮޝިންގްޓަންގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ހުރިހާ ސިފައިން 2014 ވަނަ އަހަރު އެގައުމުން ބޭލުމަކީވެސް ކުރެވިދާނެ ކަމެއްކަމަށް ބަލައިގެން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ މުސްތަޤްބަލާމެދު އެމެރިކާ ވިސްނަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގައި އެންމެ ފަހުގެ ނިންމުންތައް އަދި ނުނިންމާކަމަށް އޭނާ ވިދާޅުވި އެވެ.

އޮބާމާ ވަނީ 2014 ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ނިންމަވާފަ އެވެ. ނަމަވެސް އަފްޣާން ސިފައިން ތަމްރީން ކުރުމަށް 10 ވަރަކަށް ހާސް ސިފައިންގެ ފައުޖެއް އެގައުމުގައި ބައިތިއްބާނެކަމަށް އެމެރިކާގެ އިސްމަސްއޫލުވެރިން ވިދާޅުވަމުން ގެންދަވަ އެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށްފަހު އެމެރިކާގެ ދާއިމީ ޢަސްކަރި ބޭސްތަކެއް އެގައުމުގައި ހެދުމުގެ ވާހަކަތަކެއްވެސް އެމެރިކާގެ މަސްއޫލުވެރިން ދައްކަވަމުން ގެންދަވަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެވަނީ ވައިޓް ހައުސްގައި އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއީއާ ބައްދަލު ކުރައްވައި އަފްޣާނިސްތާނުގެ މުސްތަގްބަލާ ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ. (ބީ.ބީ.ސީ)