ރިޔާޟް (ޖަނަވަރީ 8) : ސައޫދީ އަރަބިޔާގެ 90 އަހަރުންމަތީގެ މުސްކުޅި ފިރިހެނަކު އެގައުމުގެ 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސައުދީ އަރަބިޔާގައި އިނގިރޭސިބަހުން ނެރޭ ނޫހެއްކަމަށްވާ "ސައޫދީ ގެޒެޓް" ބުނާގޮތުން އެގައުމުގެ ތައުލީމީ މީހުންގެ މެދުގައި މިކައިވެނި ސިފަކުރެވެމުންދަނީ ހިޔުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގަ އެވެ. އެނޫސް ބުނާގޮތުން 15 އަހަރުގެ މިއަންހެން ކުއްޖާ ކައިވެނިކުރި 90 އަހަރުންމަތީ މުސްކުޅި މީހާއަކީ މުއްސަނދި މަހުޖަނެކެވެ. އަންހެން ކުއްޖާގެ އާއިލާއިން މިކައިވެނިކުރުމަށް ބާރުއަޅާފައިވާ ކަމަށް ބެލެވެނީ ފިރިހެންމީހާގެ ފަރާތުން ލިބޭނެކަމަށް ބެލެވޭ މާއްދީ ފައިދާ އަށްޓަކައި ކަމަށާއި ކައިވެނީގެ ރަނުގެ ގޮތުގައިވެސް 17 ހާސް އެމެރިކާ ޑޮލަރު ފިރިހެންމީހާ ދީފައިވާކަމަށްވެސް އެނޫސް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން 15 އަހަރުގެ އަންހެންކުއްޖާގެ އާއިލާއިން ބާރުއަޅައިގެން ކުރި މިކައިވެންޏަށް އަންހެންކުއްޖާ ނުރުހުންވާކަން އެތަށް ފަހަރެއްގެ މަތިން އޭނާގެ އަމަލުތަކުންވަނީ ހާމަކޮށްފަ އެވެ. މިގޮތުން ކައިވެނީގެ ރޭގައި އަންހެންކުޖާގެ ކައިރީގައި ރޭކުރުމަށް ފިރިހެންމީހާ ކޮޓަރިއަށް ވަންނަން މަސައްކަތްކުރުމުން އަންހެންކުއްޖާ އޭނާގެ ފިރިމީހާއަށް ހުރަސްއަޅައި ކޮޓަރީގެ ދޮރުގައި ތަންޑުއެޅުވުމަށް ފަހު މުސްކުޅި ފިރިމީހާ ކޮޓަރިއަށް ވައްދާފައިނުވާ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

"ސަޢޫދީ ގެޒެޓް" ބުނާގޮތުން އަންހެންކުއްޖާވަނީ ފިރިމީހާއަށް ފިލައިގެން އޭނާގެ ބައްޕަގެ ގެއަށްގޮސް ޙިމާޔަތް ހޯދާފަ އެވެ. އަދި އެ ކައިވެނީގެ ސަބަބުން އަންހެން ކުއްޖާއަށް ނަފްސާނީ ގޮތުންވެސް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށް ރިޕޯޓްތައްބުނެ އެވެ. މުސްކުޅި ފިރިމީހާ ގެންދަނީ އޭނާގެ ޒުވާން އަނބިމީހާ އޭނާގެ ގެއަށް ގެނައުމަށް އަންހެންކުއްޖާގެ ބައްޕައަށް ފިއްތުންތައް ކުރިމަތިކުރުވަމުން ކަމަށްވެސް "ސަޢޫދީ ގެޒެޓް" ބުނެ އެވެ. ކައިވެނި ކޮށްފައިވާ 15 އަހަރުގެ އަންހެންކުއްޖާ ނުލިބޭނަމަ އެކުއްޖާއަށް ދިން ރަނުގެ ފައިސާ އަނބުރައި ދިނުމަށް ފިރިމީހާ އެދެމުންދާކަމަށްވެސްވެ އެވެ.

ސަޢޫދީ އަރަބިޔާގެ މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީގެ އިޖްތިމާޢީ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޢަލީ އައްރޫމީ ވިދާޅުވިގޮތުގައި މުސްކުޅި ފިރިހެނުން ފުރާވަރުގެ ޅަ އަންހެން ކުދިންނާ ކައިވެނިކުރުމަކީ ސަޢޫދީ އަރަބިޔާގައި ޢާންމުވަމުންދާ ކަމެކެވެ. މިއީ އިޖްތިމާޢީ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށާއި މިފަދަ ބައެއް ކައިވެނިތަކުގެ ނަތީޖާވެސް ރަނގަނޅު ނޫންކަމަށް އޭނާ ވިދާޅުވި އެވެ. މުސްކުޅި ފިރިހެނުންނާ 14 އަހަރުން ދަށުގެ އަންހެންކުދިންގެ ކައިވެނިތަކުގެ އަދަދު 5622 އަށް ވުރެ މަތިކަމަށް ކައިވެނީގެ ދަފްތަރުތަކުން ދައްކާއިރު މިއީ އިޖްތިމާޢީ ގޮތުން ޙައްލުކުރަންޖެހޭ މައްސަލައެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ނަމަވެސް ޑރ. ޢަލީ އައްރޫމީ ވިދާޅުވިގޮތުގައި ޒުވާން އަންހެން ކުދިންގެ ފާޓިލިޓީ (ދަރިން ލިބުމުގެ ޤާބިލްކަން) އިތުރުވުމުން އެމީހުންނާ އިންނަ މުސްކުޅި ފިރިހެނުންނަށްވެސް މުސްކުޅި ޢުމުރުގައި ގިނަ އަދަދަކަށް ކުދިން (ފިރިހެން މީހާއަށް ބަލާއިރު ހަތަރުވަނަ ޖަނަރޭޝަންގެ ދަރިން) ލިބުމަކީ ސަޢޫދީ އަރަބިއްޔާގެ އާބާދީ ބޮޑުވުމަށް މަގުފަހި ކޮށްދޭ ކަމެއް ކަމަށެވެ. ނަމަވެސް މިފަދަ ޢާއިލާތަކުގެ އިޖްތިމާޢީ މައްސަލަތައް ބޮޑުކަމަށާއި ވަރިއާ ހަމައަށް ގޮސްފައިވާ ޙާލަތްތައްވެސް އެއް އުމުރުގެ މީހުންގެ ކައިވެނިތަކާ އަޅާބަލާއިރު ގިނަކަމަށް އޭނާވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

ސައުދީ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ. ފަރްޙާން އަލްޢަމޫދީ ވިދާޅުވާ ގޮތުން 15 އަހަރުގެ ޓީން އޭޖް ކުއްޖަކު 90 އަހަރުގެ މުސްކުޅިއަކާ ކައިވެނިކުރުމަށް އެކުއްޖާ އަމިއްލައަށް ނިންމާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި މިފަދަ ނިންމުމެއް ނިންމުގެ ނަފްސާނީ ޤާބިލްކަން އެ އުމުރުގެ ކުއްޖެގެ ކިބާގައި ނުހުންނާނެ ކަމަށާއި ނަމަވެސް ޢާއިލާގެ ފިއްތުންތަކާ ގުޅިގެން މިފަދަ ނިންމުންތައް ސައޫދީ އަންހެންކުދިން ނިންމަފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކާފަ ނުވަތަ މުނިކާފަ އުމުރުގެ ފިރިހެނުންނާ ކައިވެނިތައް ކޮށްގެން އުޅޭ ފުރާވަރުގެ އަންހެންކުދިންނަށް ޖިސްމާނީ ގެއްލުންތައް ލިބޭކަމަށްވެސް ޑރ. ފަރްޙާން ވިދާޅުވެ އެވެ.

އަންހެންކުދިންގެ ހަށިގަނޑު އުފެދި ބޮޑުވުމުގެ ޕްރޮސެސް ފުރާވަރު އުމުރުގައި މުޅިން ފުރިހަމަ ނުވާތީ ކައިވެންޏަށްފަހު އެކުދިންގެ ކަށިތައް ބިނދިގެންނާއި ކަށިތަކަށް ގެއްލުން ލިބިގެން ވަރަށްގިނަފަހަރު ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންގެންދާކަން ޑރ. ފަރްޙާން އަލްޢަމޫދީ ފާހަގަކުރެއްވަ އެވެ. (ސަޢޫދީ މީޑިޔާ)