އަލަށް އަމަލުކުރަން ފެށި ދުންފަތް މަނާކުރުމުގެ ގަވާއިދުގެ ދަށުން ސައިހޮޓާ ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ސިގިރޭޓް ބުޔުމަށް ރަސްމީ ހުއްދައެއް ނަގަން ޖެހުނު ނަމަވެސް ބައެއް ތަންތަނުން ހުއްދަ ނެގުމެއް ނެތި "ވަގު ހުއްދަ" ބަހައްޓައިގެން ސިގިރޭޓް ބުޔުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމުގެ ޝަކުވާ ލިބުން އިތުރުވެފައިވާ ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލެތް އެންޑް ޑިޒީޒް (ސީސީއެޗްޑީސީ)ން ބުނެފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ގެ ދަށުން އެކުލަވާލައިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު"ގެ ދަށުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ގޮތަށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ހުންނަން ޖެހެ އެވެ. އަދި އެފަދަ ތަންތަން ކަނޑައެޅޭނީ ވަކި ހުއްދައެއް ލިބިގެން ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ.

ސީސީއެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ސަން އަށް ވިދާޅުވީ 31 ޑިސެމްބަރުގެ ނިޔަލަށް ހުއްދަ ނަގަން ހުޅުވާލި މުއްދަތު ހަމަވި އިރު ހުއްދަ ނުނަގާ ތިބި ބައެއް ފަރާތްތަކުން ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދަކާއި، ނުކުރެވޭ ސަރަހައްދެއް އަމިއްލައަށް ކަނޑައަޅާ އެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދެމުން އަންނަ ކަމުގެ ޝަކުވާ ވަރަށް ގިނައިން ހުށަހަޅަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ބަލައި އެ ފަރާތްތަކާއި މެދު މިހާރުވެސް އިދާރީ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅު އެޅީ ކޮން ފަރާތް ތަކެއް ކަމާއި އަދި އެޅީ ކޮންކަހަލަ ފިޔަވަޅު ތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"ހުއްދަ ނުނަގާ ހުރި ބައެއް ފަރާތްތަކުން މި ހަދަން ފެށި ގޮތަކީ އެމީހުން އަމިއްލައަށް ސްމޯކިން އޭރިޔާއަކާއި، ސްމޯކް ނުކުރެވޭ އޭރިޔާއެއް ކަމަށް ކަސްޓަމަރުންނަށް މައުލޫމާތު ދީގެން އެކަން ދޫކޮށްލަން ފެށީ. ދެން އެކަމާއި ގުޅިގެން ފިޔަވަޅު އަޅަމުން މި އަންނަނީ. އެ ކަމާއި ބެހޭގޮތުން އަޅުގަނޑުމެންނަށް ވަރަށް ޝަކުވާވެސް އެބަ ހުށަހެޅޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަރާތްތަކާއި މެދު އިދާރީ ފިޔަވަޅު އެޅިނަމަވެސް ތަންފީޒީ މަރުހަލާ ތަކުގައި ހާލަތަށް ބެލުމަށް ފަހު ފިޔަވަޅު އަޅަނީ އެކި ފަހަރު އެކި މިންވަރަށް ކަމަށެވެ. އެ ގޮތުން ގަވާއިދަށް އަމަލު ކުރަން ފެށި ފުރަތަމަ ހަފްތާގައި އެންމެ ބޮޑަށް އިސްކަން ދިނީ އެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ މިންވަރާއި، އެކަމުން ދިމާވާ މައްސަލަ ތަކަކީ ކޮބައިތޯ ދެނެގަތުމަށް ކަމަށެވެ. އަދި ވިދާޅުވީ މިހާރުވެސް ގިނަ ފަރާތްތަކެއް ހުއްދައަށް ހުށަހަޅާފައިވާއިރު ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރާ ފަރާތްތަކަށް ހުއްދަތައް ދޫކުރަމުން އަންނަ ކަމަށެވެ.

އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ފަރާތެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.