09 Jan 2013, 00:18
އައްޑޫ ސިޓީއަށް ކަރަންޓް ދޫކުރަމުން އަންނަ މައި އިންޖީނުގޭގައި ހުރި ހަތް އިންޖީނުގެ ތެރެއިން ތިން އިންޖީނު ފެއިލްވެ އެ ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ސަން އަށް މިރޭ ވިދާޅުވީ މައި އިންޖީނުގޭގައި ބޭނުން ކުރާ ހަތް ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގައި އަލިފާން ރޯވެ އެނދުމާ ގުޅިގެން ކަރަންޓް ލޯޑް ކުޑަކުރުމަށް ރަށުގެ ގިނަ މަގުތަކުގައި ޖަހާފައިވާ ބައްތިތައް ނިއްވާލާފައިވާ ކަމަށާއި ރަށުގެ ގިނަ ސަރަހައްދުތަކެއް މިވަގުތު އޮތީ އަދިރީގައި ކަމަށެވެ.
"އައްޑޫ ސިޓީގެ ބޮޑެތި ތަންތާނގައި މިހާރުވެސް ކަރަންޓެއް ނެތް. މަގު ތަކުގެ ސްޓްރީޓް ލައިޓް ތައްވެސް ހުރީ ނިވިފައި. މިއަދުވެސް ޖަނަރޭޓަރެއްގައި ރޯވެގެން ސިފައިން ކެމިކަލް ޖަހައިގެން ނިއްވީ. މިހާރު މި ކަރަންޓު ދެވެނީ އެންމެ ހަތަރު ޖަނަރޭޓަރުން. ދެން ޕީކު ގަޑީގައި ބޭނުންވާ ވަރަކަށް ކަރަންޓެއް ނުއެއް އުފެއްދެ،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޖީނުތައް އެހާ އަވަހަށް ހަލާކުވާން ދިމާވަނީ މެއިންޓެއިން ކުރަން ޖެހޭވަރަށް އިންޖީނުތައް މެއިންޓެއިން ނުކުރެވޭތީ ކަމަށާއި އެކަން ހައްލުކުރުމަށް އެކްސްޕާޓުން ބޭނުންވާނެ ކަމަށެވެ. އައްޑުއަށް ކަރަންޓްގެ މައްސަލަ ދިމާވަމުން އަންނަތާ މިހާރު ވަނީ ހަފްތާއެއްހާ ދުވަސްވެފަ އެވެ.
ޔުޓިލީޓިސް ކުންފުނިތަކުގެ ދަށުގައި ހުރި ބައެއް ރަށްރަށުގެ އިންޖީނުތައް ހަލާކުވެ ރަށްރަށައް ކަރަންޓް ނުލިބުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ. އަތޮޅު ތެރޭގެ ހުރިހާ ޔުޓިލިޓީސް ކުންފުނިތައް ފެނަކައިގެ ދަށައް ބަދަލުކޮށް ރަށްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުން ނެވެ.