މިއަހަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބަކަށް ހެދުން ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ޕޮލިސް ރެކްރޫޓުންގެ 24 ވަނަ ބުރު ފެށުމުގެ ރަސްމީއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ރިޔާޒް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބާ ފުލުހުން ކުރިމަތިލާން ޖެހިފައި ވަނީ ގައުމުގައި ވަރަށް ބޮޑެތި ލާއިންސާނީ ޖަރީމާ ތަކެއް ހިނގަމުންދާ ދަޑިވަޅެއްގައި ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އަމާން އޮމާން އިންތިހާބަކަށް ހެދުމަށް ފުލުހުން ބޮޑަތި މަސައްކަތްތަކެއް ކުރާނެ ކަަމަށެވެ.

"މިއަހަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމުގައި އޮތް ކުށުގެ ބިރުވެރިކަން ނައްތާލާ، ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ހޯދައިދީ، މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ އަމާން ކަމާއި އޮމާން ކަމާ އެކު ކުރިއަށް ގެންދެވޭނެ ރިޔާސީ އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރުން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގައި ވައްކަން ކުރުމާއި ތޫނު ހަތިޔާރުން މީހުންނަށް ބިރު ދައްކައި ގެއްލުން ދިނުމާއި މީހުން މެރުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި އަދި މީހުން މެރުމުގެ ބޮޑެތި ލާއިންސާނީ ޖަރީމާތައް އިންތިހާ ދަރަޖައަށް އިތުރުވެފައިވާ ކަމަށެވެ. އެ ޖަރީމާތައް ހުއްޓުވޭނީ ހުރިހައި ފުލުހުން އެކުގައި އެއްރޫހެއްގައި މަސައްކަތްކޮށްގެން ކަމަށާއި އަމާން އޮމާން ރިޔާސީ އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމް ކުރެވެނީ ފުލުހުން އެގޮަތަށް މަސައްކަތްކޮށްގެން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފުލުހުންގެ ވާޖިބް ތަކާއި މަސްއޫލިއްޔަތަކީ ހަމަ އެކަނި ނުފޫޒް ގަދަ މުއްސަދި ފަަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުން ނޫން ކަމަށާއި އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ފުލުހުންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ގައުމީ ވާޖިބެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފުލުހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މުއްސަންދި އަދި ނުފޫޒް ގަދަ ފަރާތްތަކަށް އެކަނި ސަލާމަތާއި ރައްކާތެރިކަން ދިނުން ނޫން ކަން. ހަމަ އެއުސޫލުން ނިކަމެތި އާންމު ރައްޔިތު މީހާގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ ވެސް ފުލުހުންގެ މަސްއޫލީއްޔަތެއްކަން،" ރިޔާޒް ވިދާޅުވި އެވެ.

ގާނޫނު އަސީސީ ދިވެހި ފުލުހުންނާއި ހަވާލު ކުރެވިފައި ވަނީ ވަރަށް މާތް މަގުސަދެއްގައި ކަން ފާހަނގަކުރައްވާ ރިޔާޒް ވިދާޅުވީ ފުލުހުންވެސް މަސައްކަތް ކުރަން ޖެހޭނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށާއި ފުލުހުންގެ އޮފިސަރަކު ވިޔަސް ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން މަސައްކަތް ކޮށްފި ނަމަ އެމީހަކު ނުވަތަ އެ އޮފިސަރަކަށް ލިބެންޖެހޭ ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވި އެއްވެސް މިހަކީ އެ މީހަކަށް ލިބިފައިވާ މަގާމެއްގެ ސަބަބުން ކުށުން ބަރީއަވެގެންވާ މީހެއް ނޫން ކަމަށެވެ.

ހުރިހައި ފުލުހުންނަށް ވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ރިޔާޒް ގޮވާލެއްވި އެވެ. އަދި އެއްވެސް ފުލުސް އޮފިސަރަކު އެމީކަހަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެ ކަމަސް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ ފުލުހަކީ ވެސް އެމީހަކު ކުރާ ކަމަކަށް ޖަވާބު ދާރީވާން ޖެހޭނެ މިހެއް ކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.