30 Sep 2010, 09:49
ލޯފަން މީހަކު މާލޭގެ މިސްކިތެއްގައި މާދަމާ އިމާމުވެ ހުކުރު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓަރ ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ ވިޔަފާރިވެރިންގެ މިސްކިތް ނުވަތަ މަސްޖިދު މުހައްމަދު ބިން އަބްދުﷲ ގައި މާދަމާ ހުކުރު ހުތުބާ ކިޔައި، އިމާމުވެ ނަމާދުކުރާނީ، މުދިމުން ތާޒާކުރާ ކޯހެއްގައި މި ވަގުތު މާލެ އައިސް ހުރި، ށ. ފޭދޫ މިސްކިތުގެ އިމާމު، އަލް ހާފިޒު އަބްދުއްރަޝީދު މުހައްމަދު ކަމަށެވެ. މިއީ ލޯފަން މީހެއް މާލޭގެ މިސްކިތެއްގައި އިމާމުވެ ހުކުރުކުރާ ފުރަތަމަ ފަހަރެވެ.
ސަން އެފްއެމަށް ދިން ހާއްސަ އިންޓަވިއުއެއްގައި އުމުރުން 40 އަހަރުގެ އަބްދުއްރަޝީދު މިއަދު ބުނީ މާދަމާގެ ހުތުބާ މިހާރު ލިބިފައިވާ ކަމަށާއި އެ ހުތުބާ ހިތުން ދަސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ށ. ފޭދޫ މިސްކިތުގައި ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން އަބްދުއްރަޝީދު އަންނަނީ އިމާމުވެ ހުކުރު ކުރަމުންނެވެ.
އަބްދުއްރަޝީދުގެ ހާއްސަ އިންޓަވިއުއެއް މިރޭ 8:00 ގައި ސަން އެފްއެމުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.