ެބައިނަލް އަގުވާމީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ތިލަފުއްޓާއި އެހެން ސަރަހައްދުތަކުގައި ހަނދާފައިވާ ބަނދަރުތަކަށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ މިންގަނޑަށް ނުފެތޭ ބަނދަރުތަކަށް ކަސްޓަމުން ދެމުން ގެންދާ ހިދުމަތްތައް ހުއްޓާލަން ވަޒީރުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ނިންމުމަށް މިހާރު އަމަލު ކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ބަނަދަރުތައް ހިންގަން ފެށުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ކަމަށެވެ. އަދި އެފަދަ ބަނދަރުތަކަށް ހުއްދަ ދޫކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އެ ބަނދަރަކީ ޕްރައިވެޓް ޕޯޓް ފެސިލިޓީއެއްްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ބަނދަރަކަށް ވާންޖޭއިރު ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައި އެފަދަ ތަންތަނުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެފަދަ ބަނދަރުތަކަށް ހުއްދަ ދޫކުރެވޭނީ އެތަނެއް ސާވޭ ކުރެވި މަަސައްކަތް ނިމިފައިވާ މިންވަރު އަންގައިދޭ ލިޔުމާއި ނުނިމި ހުރި ކަންތައްތައް ފުރިހަމަ ކުރުމަށް މަސައްކަތްތައް ރޭވިފައިވާ ގޮތާއި އަދި އެކި ކަންކަމަށް ނަގާނެ މުއްދަތު އެނގޭނެ ތާވަލެއް ކަސްޓަމަށް ހުށަހެޅުމުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި އެ މިންގަޑުތަކަށް ފެތޭ ދެ ބަނދަރަކަށް ޕްރައިވެޓް ޕޯޓް ފެސިލިޓީ ހިންގުމުގެ ވަގުތީ ހުއްދަ ދެވިފައިވާއިރު ބާކީ ހުރި ބަނދަރުތައް މި މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަސްޓަމުން ކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ކެބިނެޓުން ނިންމާފައިވަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ކޯޑް (އައިއެސްޕީއެސް)ގެ މިންގަނޑަށް ނުފެތޭ ބަދަރުތަކުން އާގުބޯޓުތަކަށް ހިދުމަތް ދިނުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މި ޖެނުއަރީ އެކަކުން ފެށިގެން އެފަދަ ބަދަރުތަކުން ހިދުމަތް ދިނުން ހުއްޓުވުމަށެވެ.