08 Jan 2013, 20:25
އެސްޓީއޯގެ ފުށްގުދަނެއް ބަލައި ފާސްކުރުމަށް ފަހު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބްލެޓް ސައިޒުގެ ގިނައަދަދެއްގެ ރަބަރު ޕެކެޓް ހޯދާ ދެ މަފިރިއަކު ހައުޔަރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ ފުށްގުދަނުގައި މަސައްކަތް ކުރާ އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކުރީ އެސްޓީއޯގެ ފުއްގުދަނާއި އޭނާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރުމުން ގިނައަދަދެއްގެ މަސްތުވާތަކެތި ފެނުމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން 22 އަހަރުވެފައިވާ އޭނާގެ އަންހެނުން ވެސް ފުލުހުން ވަނީ މިއަދު ހައްޔަރު ކޮށްފަ އެވެ.
ފުލުހުންގެ ތަރުޖަމާން ހަސަން ހަނީފް ވިދާޅުވީ 28 އަހަރުގެ މީހަކު މަސައްކަތް ކުރާތަނަކާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ހަތްދިހަ ހާހަށް ވުރެ ގިނަ ރުފިޔާ އާއި 121 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރާތަނާއި ދިރިއުޅޭ ގެއާއި އޭނާގެ ސައިކަލް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ 28 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 2:00 ޖެހިއިރު ކަމަށާއި އަދި މިއަދު ހަވީރު 5:30 ގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 279 ބުލެޓު ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީގެ އަގު 615،600ރ. އަށް އަރާނެ ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.