08 Jan 2013, 20:17
ށ. ފޭދޫގައި ދޮންދަރިއަކާ މެދު ޖިންސީ ގުޅުން ހިންގައިގެން ލިބުނު ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ށ. ފޭދޫ ބްލޫހެވަން އަބްދުލްޣަފޫރު ގާސިމް،44، ގެ މައްޗަށް ކުރި އޮރިޔާންކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަލީ އަހުމަދު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ށ. ފޭދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ގޮސް އަބްދުލްޢަފޫރު ދިރިއުޅޭ އެރަށު ވައިމަތީއާގެ ބަލައި ފާސްކުރި ކަމަށެވެ. އަދި އެގެ ބަލައި ފާސްކުރި އިރު އެގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ކޮޓަރިއެއްގެ ތެރޭގައި ހުރި އަލަމާރިއެއްގެ ތެރެއިން އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީތަކެއް ފެނިފައިވާ ކަމަށް ވެސް އަލީ އަހުމަދު ވިދާޅުވި އެވެ.
އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، އެގާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފަ އެވެ. ނަމަވެސް އަދި އެ މައްސަލައިގެ ޝަރީއަތް ފަށާފައި ނުވެއެވެ.
ވިހެއި ކުއްޖާ މަރާލުމަށް ފަހު ވަޅުލި ކަމުގެ ތުހުމަތުގައި އަބްދުލްޢަފޫރުގެ އަނބިމީހާ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، ގެ މައްޗަށް ވެސް ވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި އަމިއްލަ ދަރިފުޅާ މެދު ފިރިމީހާ ޖިންސީ ގުޅުން ހިންގިކަން އެގިހުރެ އެކަން ސިއްރު ކުރުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.