މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އިންޑިއާގެ ޓުޓްކޮރިން ބަދަރުގައި ހިފަހައްޓާފައިވާ މުދާ އުފުލާ ދިވެހި ބޯޓެއްގައި ތިބި ފަޅުވެރިން ހާލުގައި ޖެހިފައިވާ މައްސަލަ ޓްރާންސްޕޯޓް އޮތޯރިޓީން ބަލަން ފަށައިފި އެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯނިން ސްޓާ ބޯޓު ހިފަހައްޓާފައިވަނީ އޭނާގެ އެމްވީ ސީއެންޖެލް ކިޔާ ބޯޓެއް ކަފުޖަހައިގެން އިންޑިއާއަށް ދިޔަމަގުމަތީގައި އެ ބޯޓު އިންޑިއާގެ ކޮޗިންގެ ހަ މޭލު ބޭރަށް އަޑިއަށް ދިޔުމުން އަޑިޔަށްދިޔަ ބޯޓު ނަގައި އެ ސަރަަހައްދަށް ލިބިފައިވާ ގެއްލުން ސާފުނުވަނީސް ނުފުރޭނެ ކަމަށް އިންޑިއާގެ ކޯޓަކުންކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ އެބޯޓުގައި މަސައްކަތް ކުރާ މީހުން ހާލުގައި ޖެހިގެން އެމައްސަލަ މިހާރުވެސް ބަލަމުންދާ ކަމަށާއި އެ ދެ ބޯޓަކީވެސް މުސްތަފާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެބޯޓު ކަމުގައިވިޔަސް އެކަމުގައި ޒިންމާ ނަގަންޖެހޭނީ އެބޯޓުގެ މެނޭޖްމަންޓް ކުންފުނި، "މޯލިންކްސް" ކަމަށެވެ. އެ ކުންފުންޏާ އެ މައްސަލައިގައި ވާހަކަ ދެއްކި ނަމަވެސް އެކަމަށް އަދި އަލި މަގެއް ފެނިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގެނެސްދެވޭނެގޮތެއްވެސް، ގެނެވޭނެކަމެއްވެސް، އެމައްސަލައިގައި ވާހަކަވެސް ދެއްކޭނެގޮތެއް ނެތިގެން އަޅުގަނޑުމެން މިއުޅެނީ. މޯލިންކްސްގެ މެނޭޖަރަށް ތަފާތު އެތަށްފަހަރަކު ސިޓީ ލިޔެގެންވެސް ޖަވާބެއް ނުދެއްވާ،" ނާފިޒް ވިދާޅުވި އެވެ.

މުހައްމަދު މުސްތަފާ މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ ދެ ބޯޓަކީވެސް އޭނާގެ ދެ ބޯޓް ކަމަށާއި މޯނިން ސުޓާ ބޯޓު ހިންގުމަށް އޭނާގެ ތިމާގެ މީހެއްގެ ކުންފުއްޏެއް ކަމަށްވާ މޯލިންކްސް ކިޔާ ކުންފުއްޏަކަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި ވިދާޅުވީ އެމައްސަލައިގައި އޭނާގެ ތިމާގެ މީހާގެ ކުންފުނި މޯލިންކްސްއިން ހިޔާނަތްތެރިވެފައިވާ ކަމަށާއި މުވައްޒިފުންގެ ހާލު ނުބަލާތާވެސް އަދި މުސާރަ ނުދޭތާވެސް ހަމަސް ދުވަސްވެފައިވާ ކަމަށެވެ.

"އެބޯޓުގައި އެބަތިބި ހަ ދިވެހިންނާއި ހަތަރު ބިދޭސީން، އެމީހުންނަށް އަސާސީ ހިދުމަތްތަށްވެސް ނުލިބި އަދި މުސާރަވެސް ނުދޭތާ ފަސްވަރަކަށް މަސްވެއްޖެ، އެމީހުންނަކީ މޯލިންކްސް ގެ ކުންފުނީގެ މުވައްޒިފުން އެކުންފުނިން ޖެހޭނެ އެމީހުނާ އަޅާލަން، މުސާރަ ނުދެންޏާ އަނބިދަރިންގޮވައިގެން އުޅުއްވާ މީހުނަށް ކިހާ ދަތިވާނެތޯ؟،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ އެޖެންޓުން އެބޯޓުގެ ފަޅުވެރިންނާ އެއްވެސް ވަރަކަށް އަޅާނުލާތީ ކޯޓުމެދުވެރިކޮށް މަސައްކަތްކުރުމުން މިހާރު އެޖެންޓުގެ ފަރާތުން އެފަޅުވެރިންނަށް ކާންބޯންދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މުވައްޒިފުންގެ މުސާރަ ނުދޭތީ އެ މުވައްޒަފުން ތިބީ ވަރަށް ހާލުގައިކަމަށް މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ބޯޓަކީވެސް އެލައިޑްއިން އިންޝުއަރެންސް ކޮށްފައިވާ ދެބޯޓު ކަމަށާއި ނަމަވެސް އަޑިޔަށް ދިޔަ ބޯޓަށް ފައިސާ ހޯދުމަށް ތަފާތު މަސައްކަތްކުރުމުންވެސް އެފައިސާ ނުދޭކަމަށެވެ. އަދި އަޑިޔަށް ނުދާބޯޓުގެ ހަރަދަށްވާ ފައިސާކަމަށް ބުނެ 1.1 މިލިއަން ރުފިޔާ މޯލިންކްސްއަށް އެލައިޑުން ދީފައިވާ ކަމަށެވެ. ނަމަވެސް އެފައިސާއިން އެއްވެސް މިންވަރެއް އޭނާއަށް ނުދޭ އިރު މުވައްޒިފުނަށް މުސާރަވެސް ނުދޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.