08 Jan 2013, 17:45
ޔޫތު މިނިސްޓްރީއަށް 2013 ވަނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓުން މިނިސްޓްރީގެ އަސާސީ މަސައްކަތްތަކާއި ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ލިބިފައި ނުވާކަމަށް ބުނެ އެމިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން ޔޫތު މިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓް ކުޑަވުމުގެ ސަބަބުން މިދިޔަ އަހަރު މިނިސްޓްރީން ކުރިވަރާއި ގާތަށްވެސް މިއަހަރު މަސައްކަތް ނުކުރެވިދާނެ ކަމަށެވެ. އަދި ބުނެފައިވަނީ ހިދުމަތްތައް ދިނުމުގައި މި އަހަރު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ޔޫތް މިނިސްޓްރީން މިދިޔަ އަހަރު އެކި ކަންކަމަށް 90 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެތެރެއިން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޚަރަދުތަކަށް 26.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު ކުޅިވަރުގެ ހިދުމަތްތަކާ ބެހޭ ބަޔަށް 43 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި ހިއުމަން ރިސޯސަސްއާ ބެހޭބަޔަށް 20 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ.
މިއަހަރު އެ މިނިސްޓްރީއަށް ދޫކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަކީ 115.2 މިލިއަން ރުފިޔާ އެވެ. މިނިސްޓްރީގެ ހަރަދުތަކަށް 36.9 މިލިއަން ރުފިޔާ އާއި، ކުޅިވަރުގެ ޚިދުމަތްތަކާބެހޭ ބަޔަށް 49.8 މިލިއަން ރުފިޔާ އަދި ހިޔުމަންރިސޯސަސްއާއި ބެހޭބަޔަށް 28.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ކުޑަކުރުމުން މިނިސްޓްރީއަށްވެސް ލިބުނީ ކުރިން ހުށަހެޅި ބަޖެޓަށް ވުރެ މާކުޑަ ބަޖެޓެއް ކަމަށެވެ. މިއަހަރު ސަރުކާރުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ކުޑަކުރި އިރު ރިކަރަންޓް ގިނަ ހަރަދުތަކެއް ވަނީ މަޖިލީހުން ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓް ކުޑަކަމަށް ބުނެ ދައުލަތުގެ އެކި ވުޒާރާތަކުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ޝަކުވާ ހުށަހަޅައި ސިޓީ ފޮނުވަމުން ނެވެ.
އަދި މިއަހަރަށް މަޖިލީހުން ފާސްކުރި 15.3 ބިލިއަން ރުފިޔާގެ ބަޖެޓް ދެކޮޅު ނުޖެއްސި އަހަރުގެ ވަކި ހިސާބަކުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުވެސް ވަނީ ވިދާޅުވެފަ އެވެ.