ކުވައިތު (ޖަނަވަރީ 8) : ކުވައިތުގެ އަމީރު އައްޝައިހް ސަބާޙުލްއަޙްމަދަށް ޒާތީގޮތުން ފާޑުކިޔުމުގެ ކުށުގައި ކުވައިތުގެ ރައްޔިތަކު ދެއަހަރު ދުވަހަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އަމީރަށް ޒާތީގޮތުން ފާޑުކީކަން ޝަރީއަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ޢައްޔާދުލްޙަރްބީ ނަމަކަށްކިޔާ މީހެއްގެ މައްޗަށެވެ. މިއީ އަމީރުގެ ޝަޚްސިއްޔަތަށް ފާޑުކިޔުމުގެ މައްސަލާގައި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެގައުމުގެ ކޯޓަކުން ކުރި ދެވަނަ ޙުކުމެވެ. މިޙުކުމް އިސްތިއުނާފު ކުރުމުގެ ފުރްސަތު އެބައޮތެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކުވައިތުގެ ޖަމްޢިއްޔާއިންވަނީ މިޙުކުމަށް ފާޑުކިޔާފައެވެ. އެޖަމްޢިއްޔާގެ ރައީސް މުޙައްމަދުލް ޙަމީދީ ވިދާޅުވީ އަމީރަށް ޝަޚްސީގޮތުންވެސް އެނޫންގޮތަކުންވެސް ފާޑުކިޔުމަކީ ކުށަކަށްވާނަމަ ކުވައިތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ގައުމެއް ކަމަށް ނުބުނެވޭނެ ކަމުގައެވެ.

ކުވައިތަކީ ގަލްފުގެ ގައުމުތަކުގެ ތެރޭގައި ކުޑަކޮށްނަމަވެސް ޑިމޮކްރެޓިކް ހަމަތައް ގެންގުޅޭ ހަމައެކަނި ގައުމުކަމަށްވުމުގެ އިތުރުން އެއީ ގަލްފުގެ ޢަރަބި ގައުމުތަކުގެ ތެރޭން ހަމައެކަނި އިންތިޚާބުކުރެވިފައިވާ ޕާލަމެންޓެއް އޮތް ގައުމުކަމަށްވާއިރު ކުވައިތުގައި ވެރިމީހާއަށް ފާޑުކިޔުމުން އަދަބު ލިބުމަކީ ކުއްލި ޙައިރާން ކަމެއް ލިބުނުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުވައިތުގެ އެކްޓިވިސްޓެއް ކަމަށްވާ ޢައްޔާދުލްޙަރްބީ އެގައުމުގެ އަމީރަށާއި ސަރުކާރަށް ފާޑުކިޔަމުން ގެންދިޔައީ އޭނާގެ ޓްވިޓާރ އެކައުންޓް ގައެވެ. އޭނާ ފާޑުކިޔަމުން ގެންގޮސްފައިވަނީ އަމީރުގެ ސިޔާސަތަށާއި އަމީރު ކަންތައްތައް ކުރައްވާ ބޭއިންސާފު ގޮތްކަށެވެ. އަމީރުގެ ޖިސްމާނީ ސިފަތަކަކަށް ނޫނެވެ. އަމީރުގެ ޝަޚްސިއްޔަތަށް ފާޑުކިޔުމުގެ ތުހުމަތުގައި ޙުކުމްކުރި ދެވަނަ މީހަކީ އެގައުމުގެ ޕާލަމެންޓްގައި ހިމެނޭ އިސްލާމީ ޚިޔާލުގެ މެންބަރެއް ކަމަށްވާ އުސާމާ އަލްމުނާވިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ އެކަން ސާބިތު ނުވާކަމުގެ ޙުކުމެވެ. ޙުކުމް ކުރެވުނު ދެމީހުންނަކީވެސް ވިހީގެ އަހަރުތައް ގުނަމުންދާ ކުވައިތުގެ ދެ ޒުވާނުންނެވެ. (އަލްޖަޒީރާ)