08 Jan 2013, 16:12
އެކްސަލް އިންޓަނޭޝަނަލް ސްކޫލް ގެ ނަމުގައި ގުރުއާނާއި އިސްލާމީ އަހުލާގް ކިޔަވައިދޭ މުޅިން އާ އިންޓަނޭޝަނަލް ސްކޫލެއް މއ ރަތްމުތް ގޭގައި މިމަހުގެ 14 ވަނަ ދުވަހު ހުޅުވަން ނިންމައިފި އެވެ.
އެ ސްކޫލްގެ ޕްރިންސިޕްލް މަރިޔަމް ހަބްލާ މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެކްސަލް އިންޓަނޭޝަނަލް ސްކޫލަކީ ޕްރީ ސްކޫލް ކުދިންނަށް ހާއްސަ ކުރެވިގެން ހުޅުވާ ސްކޫލެއް ކަމަށާއި މިއަހަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަމައެކަނި ބޭބީ ނާސަރީ އަދި ނާސަރީ ގްރޭޑް ތަކުގެ ކްލާސް ތައް އެކަނި ކަމަށެވެ.
"އަޅުގަނޑުމެންގެ މި ސްކޫލަކީ ޕްރީ ސްކޫލް ކުދިންނަށް ހާއްސަ ކުރެވިގެން ހުޅުވާ ސްކޫލެއް. އެކަމަކު އަޅުގަނޑުމެން މިއަހަރު ކިޔަވައި ދޭނީ ހަމައެކަނި ބޭބީ ނާސަރީ ނާސަރީ ގްރޭޑް ތަކުގެ ކުދިންނަށް އެކަނި. އެހެން ނަމަވެސް އަންނަ އަހަރު ދެން ހުރި ގްރޭޑް ތަކަށް ވެސް އަޅުގަނޑުމެން ކިޔަވައިދޭނަން،" މަރިޔަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުގައި ކިޔަވައި ދޭނީ ހާވަޑް ޔުނިވާސިޓީގެ ރިސާޗެއްގެ ދަށުން ތައްޔާރު ކުރެވިފައިވާ ކަރިކިޔުލަމް އަކަށް ކަމަށާއި އެ ކަރިކިއުލަމް އަކީ ކުޑަކުދިން ކިޔެވުމަށާއި ކިޔަވައި ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ ހޯދުން ތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ކަރިކިޔުލަމް އެއް ކަމަށެވެ.
މި ކަރިކިޔުލަމް ގައި ހަތް ތީމްއެކުލެވޭ 56 ޔުނިޓް އެކުލެވެ އެވެ. ތީމް ތަކުގެ ތެރޭގައި ހިމެނެނީ ޓެކްނޮލޮޖީ،ލައިފް ސައިންސް، ފިޒިކަލް ސައިންސް، ސޯޝަލް ސްކިލްސް، އެކޮނޮމިކް ސްކިލސް، އަދި ކްރިއޭޓިވް އާޓްސް އެވެ. އަދި ވިދާޅުވީ ސްކޫލް ގައި މުޅި ޖުމްލަ 17 މާއްދާ ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ދިވެހި އިސްލާމް ކިޔަވއި ދޭނެ ކަމަށް ވިދާޅުވި އެވެ. މުޅި ކަރިކިޔުލަމް ބިނާވެފައި ވަނީ އިސްލާމީ އަހުލާގާއި އިސްލާމީ ތަރުބިއްޔަތުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުގައި ކިޔަވައި ދެމުން ދާނީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށާއި ސްކޫލް ނިމިގެން ދާއިރު ގްރޭޑް އެކެއްގެ ފެންވަރު ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ހުންނާނެ ކަމަށެވެ. މަރިޔަމް ވިދާޅުވީ ސްކޫލަކީ އިންޓަނޭޝަނަލް ސްކޫލެއް ކަމުގައި ވިޔަސް ސްކޫލުގައި ކިޔަވައި ދިނުމަށް ހަރަކާތްތެރި ވަމުން ދާނީ މުޅިން ވެސް ދިވެހި ޓީޗަރުން ކަމަށެވެ.
ސްކޫލަށް ވަނުމަށް ބޭބީ ނާސަރީ އަދި ނާސަރީ ކުއްޖެއްގެ ފީއަކީ މަހަކު 60 ޔޫއެސް ޑޮލަރެވެ. އަދި ރަޖިސްޓްރޭޝަންގެ ގޮތުގައި 30 ޑޮލަރު ދައްކަންޖެހެ އެވެ.