އަތޮޅު ތެރޭގެ ހަތް މެޖިސްޓްރޭޓް ކޯޓަކަށް އައްޔަން ކުރި މެޖިސްޓްރޭޓުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

މިއަދު ފަތްކޮޅު ހަވާލުކޮށްފައި ވަނީ ބ. ހިތަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަން ކުރި އެރަށު ރަނައުރާގޭ އުންމުކުލްސުމް އަބޫބަކުރާއި އެއަތޮޅު ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި އެއަތޮޅު މާޅޮހު ނަފާޕެލަސް އަބްދުއްރަޝީދު ޔޫސުފާއި ރ. މަޑުއްވަރީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ ހުސެއިން އިބްރާހިމާއި އެއަތޮޅު މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި އެރަށު ޖަވާހިރުމާގޭ އަދުނާން ހުސެއިނާއި ސ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި އެރަށު ދޮންދީދީމަންޒިލް ޝެއިޚު މުހައްމަދު ތައްޔިބާއި އދ. ފެންފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި ގ. ނޫރާނީވިލާ ޝީރީން ނާހިދާ ލަތީފްގެ އިތުރުން ކ. ގާފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި ހުވާ ކޮށް ނިމުމުން އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބް ރައީސް އަބްދުﷲ ދީދީ އެވެ.

އަތޮޅުތަކުގެ ގިނަ ކޯޓުތަކުގައި އެކަށީގެންވާ ވަރަށް މެޖިސްޓްރޭޓުން ނެތުމުން އެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހަމަޖެއްސުމުގެ މަސައްކަތް އެ ކޮމިޝަނުން އަންނަނީ ކުރަމުންނެވެ. އަދި މާލޭގެ ސުޕީރިއާ ކޯޓުތަކުގައި އެކަށީގެންވާ ވަރަށް ފަނޑިޔާރުން ނެތްކަމަށް އެ ކޯޓުތަކުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާތި ސުޕީރިއާ ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވި އެވެ.