08 Jan 2013, 15:59
އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމާއި ވޯޑުތައް ފުރި ބަލިމީހުން އެޑްމިޓް ނުކުރެވި ހޮސްޕިޓަލް "ކުއްލި ހާލަތައް" އައިސްފައިވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
~
އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމްގެ އެނދުތައް ފުރިގެން، ބަލިމީހުން އެޑްމިޓް ކުރުން ހުއްޓާލާފައިވާ ކަމަށާއި ގިނަ ވޯޑުތައް ވެސް ވަނީ ބަލިމީހުންނާ އެކު 'ފުރިފައި' ކަމަށެވެ. ނަމަވެސް އެޑްމިޓް ކުރަންޖެހޭ މީހުން ދެންދާން ޖެހޭނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށާއި ނަމަވެސް ހޮސްޕިޓަލުން ފަރުވާ ދޭންފެށުމުން އެ ބަލިމީހަކު އެހެން ހޮސްޕިޓަލަށް ގެންދިއުމުގެ "އިހްތިޔާރު" ބަލިމީހާއަށް ދޫކޮށްލާނެ ކަމަށެވެ.
"ފަހަކަށް އައިސް އައިޖީއެމްއެޗް މި އޮތީ ކުއްލި ހާލާތުގައި. އެމެޖެންސީ ރޫމް ފުރިގެން ގިނަ ބަލިމީހުން އެޑްމިޓް ނުކުރެވިގެން އަޅުގަނޑުމެން މިއުޅެނީ. މިތަނުގެ ހާތަލު ހުރި ގޮތުން އެ މީހުން ދާންޖެހޭނީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އޭޑީކޭއަށް. އެހެންނަމަވެސް އެ އިހްތިޔާރު އެ ބޭފުޅުންނަށް އަޅުގަނޑުމެން ދޫކޮށްލާނަން،" އައިޖީއެމްއެޗް ހިންގުމާ ހަވާލުވެ ހުންނެވި އިސްމާއިލް ޝަފީއު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލިމީހުންނާއެކު ހޮސްޕިޓަލް ފުރިފައިވުމުން، މުހިއްމު އޮޕަރޭޝަންތައް ފިޔަވައި އެހެން އޮޕަރޭޝަންތައް ކުރުން ހުއްޓާލުމަށް ވިސްނަމުންދާ ކަމަށެވެ. "ސާޖަރީ ކުރަންޖެހޭނީ އެޑްމިޓްކޮށްފައި. އެއަށްފަހު ވެސް އެޑްމިޓް ކުރަންޖެހޭ. މިވަގުތު [ހޮސްޕިޓަލް] ފުރިފައި އޮތުމުން، ބައެއް ސާޖަރީތައް ކުރުން ހުއްޓާލުމަށް އަޅުގަނޑުމެން އެބަ ވިސްނަން،" ޝަފީއު ވިދާޅުވި އެވެ.
އަވަސްފަރުވާދޭ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމް ފުރިފައި އޮތުމުން، ބައެއް ބަލިމީހުންގެ ހާލަތު "ގޯހުން ގޯހަށް" ދާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ އުފުލަމުންނެވެ.
ޝަފީއު ވިދާޅުވި މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނީ ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުން ދޭ ހިދުމަތް ރަނގަޅުކޮށްގެން ކަމަށާއި އެ ނޫންގޮތަކަށް ބަލި މީހުންނާއެކު އައިޖީއެމްއެޗް "ކާރު ބާރު" ބޮޑުވުމުގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.
އާސަންދައިގެ ދަށުން، މާލޭގައި ހިލޭ ބޭސްފަރުވާ ކުރެވެނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ދަނީ އެ ހޮސްޕިޓަލަށެވެ.