ޕީޕީއެމްގެ ކޮންގްރެސްގައި ވާދަކުރައްވަމުން އެ ޕާޓީގެ އިންތިގާލީ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ތާއީދު ނުކުރައްވާނެ ކަމަށް އެެޕާޓީގެ ކޮންގްރެސްގައި ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަދި ޕާޓީގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު ވިދާޅުވެއްޖެ އެވެ.

މުއާޒު މިއަދު ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ އިންތިގާލީ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ސޯޝަލް މީޑިއާތަކާއި އެހެން ބައެއް ވަސީލަތްތައް މެދުވެރިކުރައްވައި ޕާޓީގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް އަމަލް ކުރައްވަމުން ގެންދަވާ ކަމަށާއި ވަކިން ހާއްސަކޮށް އެޕާޓީގެ އިންތިހާބުގައި ވާދަކުރައްވާ ޒުވާނުންގެ މެދުގައި ބައިބައިވުން އުފެދޭ ފަދަ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކެމްޕޭން ކުރައްވަމުން ގެންދަވާތީ އެކަމާ ކަންބޮޑުވެ ހިތާމަކުރައްވާ ކަމަށެެވެ.

"މިޕާޓީގެ އިންތިގާލީ ރައީސަކީ ޒުވާނުންގެ ކުރިއެރުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވާ ބޭފުޅަކަށް ވުމާއެކު، ޒުވާނުންގެ ކުރިއެރުމަށް އެ ފަރާތްތަކުން އަމިއްލައަށް ޕާޓީގެ ޝަހުސީ އެކިއެކި މަގާމްތަކަށް ވާދަކުރައްވާ، އެ ފަރާތްތަކުގެ ފޯރުންތެރިކަން ހުރި މިންވަރަކުން ކުރަމުން ގެންދާ ކެޕްޕެއިންގެ ތެރެއަށް މިފަދަ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ނުވަންނަވައި އެވެކި ކެނޑިޑޭޓަކީ ވިޔަފާރިކުރާ ފައިސާވެރި ޒުވާނެއް ކަމަށް އަދި މިވެނި ގާބިލް ކަމެއް ހުރި ޒުވާނެއް ކަމަށް ވިދާޅުވެ ޕަބްލިކްގައި ދައްކަވަމުން ގެންދަވާ ނާތަހުޒީބު ވާހަކަތައް ވަގުތުން ހުއްޓާލައްވައި އެކަމުގެ ސަބަބުން މި އިންތިހާބުގައި ގެއްލުމެއް ލިބިދާނެ އެއްވެސް ކެނޑިޑޭޓެއް ވާނަމަ އެކެނޑިޑޭޓެއްގެ ކިބައިން މައާފަށް އެދިވަޑައިގަތުން ފަދަ ރިވެތި އުސޫލުތައް ހިޔާރުކުރައްވައި، ފުރިހަމަ ލީޑާޝިޕް ދެއްކެވުމަށް ގޮވާލަން،" މުއާޒުގެ ބަޔާނުގައި ވިދާޅުވެފައިވެ އެެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބް ލީޑަރު ކަމަށް ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން އަބްދުއްރަހީމް އަބްދުﷲ ގެ ބަދަލުގައި ދެން ތާއީދު ކުރައްވާނީ އެމަގާމަށް ވާދަކުރައްވާ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ކަމަށް ވެސް މުއާޒުގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ވާދަކުރައްވާ ބޭފުޅުން ފޯރިގަދަ ކެމްޕެއިން އެއް ކުރައްވަމުން ގެންދަވާއިރު އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 17-19 އަށެވެ.