08 Jan 2013, 15:08
ތައުލީމް ހާސިލް ކުރުމަށް މެލޭޝިއާއަށްދާ ދަރިވަރުނަށް ސްޓޫޑަންޓް ވިސާ ހަމަޖެހޭނެ ކަމަށް މެލޭޝިޔާގެ އިމިގްރެޝަނުން ދޭ ލިޔުން، ލިބުމުން ނޫނީ މެލޭޝިޔާއަށް ނުފުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
މެލޭޝިޔާގައި އުޅޭ ދިވެހި ދަރިވަރުންތަކެއް ހައްޔަރު ކުރި މައްސަލައާ ގުޅިގެން، އެ ގައުމަށްދާ ދިވެހިން ސަމާލުކަން ދޭންޖެހޭނެ ކަންތައްތައް ބަޔާންކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނަނީ މެލޭޝިޔާގައި ކިޔަވަމުންދާނަމަ ސްޓޫޑަންޓް ވިސާ ލިބޭނެ ކަމުގެ ލިޔުން ޔުނިވާސިޓީން ހޯދުމަށާއި މެލޭޝިޔާގައި އުޅޭއިރު ގެއިން ބޭރުގައި އުޅޭނަމަ އަބަދުވެސް ޕާސްޕޯޓް ގެންގުޅެން ވާނެ ކަމަށެވެ. އަދި ވިސާ ޖެހުމަށް ނުވަތަ ވިސާ އާކުރުމަށް ޔުނިވާސިޓީއަށް ޕާސްޕޯޓު ހުށަހަޅާފައި ވާނަމަ، ގެއިން ބޭރަށް ނިކުމެ އުޅޭއިރު ޔުނިވާސިޓީން ދޫކޮށްފައިވާ ލިޔުން އަބަދު ވެސް ގެންގުޅެން ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައި އިތުރަށް އެދިވަޑައިގެންފައިވަނީ އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި އުޅުއްވާ ބޭފުޅުން އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން، ނުވަތަ އެމްބަސީ ނުވަތަ ކޮންސިއުލޭޓަށް އެބޭފުޅެއްގެ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ފޮނުއްވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރާ ކަމުށެވެ. އަދި ރާއްޖޭގެ ރަސްމީ އޮފީހެއް ނެތް ގައުމެއް ކަމުގައިވާނަމަ އެމިނިސްޓްގެ[email protected]އީމެއިލް އެޑްރެހަށް މައުލޫމާތު ފޮނުވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
މެލޭޝިޔާގައި ތައުލީމް ހާސިލްކުރާ ދިވެހި ދަރިވަރުންތަކެއް ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައި ވެސް މެލޭޝިޔާގެ ފުލުހުން ހައްޔަރު ކޮށްފަ އެވެ. ހަތަރު ދަރިވަރަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން ތިން ދަރިވަރަކު ދޫކޮށްލާފައި ވަނީ އެ ކުދިންގެ އަތުގައި ޕާސްޕޯޓް އޮތުމުންނެވެ. ނަމަވެސް އެކެއްގެ އަތުގައި ޕާސްޕޯޓް ނެތުމުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ވިސާ ޖެހުމަށްޓަކައި ޔުނިވާސިޓީއާ ޕާސްޕޯޓް ހަވާލުކޮށްފައި ވުމުން އެފަދަ ލިޔުމެއްނެތި ބޭރުގައި އުޅުމުން ކަމަށް ވެއެވެ.