ފީފާއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާ ހޮވުމަށް ސްވިޒަލޭންޑްގެ ޒިޔުރިކްގައި ރޭ ބޭއްވި ބެލަންޑިއޯ ގާލާގައި އިއުލާނުކުރި "ފީފާ ވޯލްޑް ޓީމް އޮފްދަ އިޔާ" ގައި ހިމެނެނީ ހަމައެކަނި ސްޕެނިޝް ލީގަށް ކުޅޭ ކުޅުންތެރިން ނެވެ.

ފީފާ 2012 ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ: އީކާ ކަސިޔަސް (ރެއާލް މެޑްރިޑް)، ޑެނީ އަލްވޭސް (ބާސެލޯނާ)، ޖެރާޑް ޕީކް (ބާސެލޯނާ)، ސަޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)، މާސެލޯ (ރެއާލް މެޑްރިޑް)، އަންދްރޭ އިނިއެސްޓާ (ބާސެލޯނާ)، ޒާބީ އެލަންޒޯ (ރެއާލް މެޑްރިޑް)، ޒާވީ (ބާސެލޯނާ)، ކްރިސްޓިއާނޯ ރޮނާލްޑޯ (ރެއާލް މެޑްރިޑް)، ރެޑަމެލް ފަލްކާއޯ (އެތްލެޓިކޯ މެޑްރިޑް) އަދި ލިއޮނަލް މެސީ (ބާސެލޯނާ) އެވެ.

ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ދުނިޔޭގެ ޑްރީމް ޓީމުގައި ހަމަ އެކަނި ލަލީގާގެ ކުޅުންތެރިން ހިމެނުމަކީ ދުނިޔޭގެ ފުޓްބޯޅައަށާއި އަދި ދުނިޔޭގެ މަޝްހޫރު އެކިއެކި ލީގުތަކަށް ފީފާއިން ދީފައިވާ ހިތްދަތި އަދި ނުރަނގަޅު މެސެޖެއް ކަމަށެވެ.

ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ނިމިދިޔަ 2012 ވަނައަހަރު ދުނިޔޭގެ މަޝްހޫރު ލީގުތަކުގައި ކުޅުނު ޑްރީމް ޓީމުގައި ހިމެނެން ޖެހޭނެ، އެކަމަކު ހިމެނިފައި ނުވާ ބައެއް ކުޅުންތެރިންނަށް ބަލައިލާނަމެވެ.

ގޯލްކީޕްރުން:

ބަޔާން މިޔުނިކް ހުސްވި އަހަރު ހޯދި ހުރިހާ ކާމިޔަބެއްގެ ފަހަތުގައި ހުރި ކުޅުންތެރިޔަކީ އެޓީމުގެ ގޯލްކީޕަރު މެނުއަލް ނޮޔާ އެވެ. ޖާމަން ކަޕްގެ ދެވަނަ، ބުންޑެސްލީގާގެ ދެވަނަ އަދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބަޔާން އަށް ކާމިޔާބު ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ނޮޔާ އެވެ. އަދި ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރެއާލް މެޑްރިޑް (ކީޕަރު އީކާ ކަސިޔަސް) ބަލި ކުރުމުގައި އޭނާ ވަނީ ކީ ރޯލެއް އަދާކޮށްފަ އެވެ.

ހަމަ އެހެންމެ ހުސްވި އަހަރު އިނގިރޭސި ލީގުގެ ޗެލްސީ ހޯދި ކާމިޔާބު ތަކުގެ މައި ތަނބަކީ އެ ޓީމުގެ ގޯލްކީޕަރު ޕެޓާ ޗެކް އެވެ. ޗެމްޕިއަންސް ލީގުގައި ނަޕޯލީ، ބާސާ އަދި ބަޔާން އަތުން ގިނަ ގޯލްތަކެއް ޗެލްސީ ކޮޅަށް ވަދެފައި ވީނަމަވެސް އެޓީމުވަނީ އަހަރުގެ އެންމެ ފަހުރުވެރި ތަށި ޔޫރަޕިއަން ޗެމްޕިއަންސް ޓްރޮފީ އުފުލައިލާފަ އެވެ. ޕެޓާ ޗެކް ހަމަ އެކަނި ބާސާ އާއި ދެކޮޅަށް ކޮށްފައިވާ ސޭވްތަކަށް ބަލާލި ނަމަވެސް އޭނާއަށް ޑްރީމް ޓީމަށް ވަނުމުގެ ހައްގުކަން ބޮޑެވެ. އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ބަޔާން މިޔުނިކާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން އެ ތަށި އުފުލާލުމުގައި ޗެކް ސޭވްކޮށްފައިވާ މުހިއްމު ޕެނަލްޓީތައް ހިމެނެ އެވެ.

ޑިފެންޑަރުން:

ޑްރީމް ޓީމުން ޖާގައެއް ހައްގުވާ ޑިފެންޑަރުންގެ ތެރޭގައި މެންޗެސްޓާ ސިޓީއަށް ތާރީޚީ ޕްރިމިއާ ލީގު ޓައިޓްލް އެއް ހޯދައިދިނުމުގައި މުހިއްމު ރޯލެއްކުޅުނު ޑިފެންޑަރު އެޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ނަން ފާހަގަ ކޮށްލަން ޖެހެއެވެ. ސިޓީގެ ބެލްޖިއަން ޑިފެންޑަރު ވަނީ ޕްރިމިއާ ލީގުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.

ބަޔާން މިޔުނިކުގެ ލެފްޓް ބެކް، ފިލިޕް ލާމްގެ ނަމަކީވެސް ފާހަގަ ކޮށްލަން ޖެހޭ ނަމެކެވެ. ބޮޑު ތިން މުބާރާތުގެ ދެވަނަ ހޯދުމުގައި ބަޔާންގެ ފަހަތް ވަރުގަދަ ކުރުމުގެ އެއް ބާރަކީ ލާމް އެވެ.

ޑްރީމް ޓީމުން ޖާގައެއް ދޭން ޖެހޭ ކަމަށް ފެންނަ އަނެއް ޑިފެންޑަރަކީ ޗެލްސީގެ ވާތްފަރާތް ބަލަހައްޓާ އޭޝްލީ ކޯލް އެވެ. މިދިޔަ އަހަރުގެ ޑްރީމް ޓީމުގައި ހިމެނުނު އެއްވެސް ޑިފެންޑަރަކަށް ހުސްވި އަހަރު ލިބިފައިނުވާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ޝަރަފް ކޯލް ވަނީ ހޯދާފަ އެވެ. އަދި އިނގިރޭސި ލީގުގެ އަހަރުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ވެސް ހޯދާފައިވަނީ ކޯލް އެވެ.

ޖާމަން ކަޕާއި ބުންޑެސް ލީގާ ކާމިޔަބުކޮށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް ބޮޑު ކާމިޔާބެއް މިސީޒަންގައި ހޯދާފައިވާ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ޑިފެންޑަރު މެޓްސް ހުމެލްސްގެ ނަން އެ ލިސްޓުގައި ނެތުމަކީ އެކަން ކުރިފަރާތަކުން ލަދުގަންނަން ޖެހޭ ކަންތައްތަކެއް ކަމަށް ފުޓްބޯޅައިގެ މާހިރުން ދެކެއެވެ.

މިޑްފީލްޑަރުން:

އިޓަލީގެ ސެރިއާ އޭ ލީގުގައި ނިމިދިޔަ ސީޒަނުންފެށިގެން މިހާތަނަށް މެޗަކުން ބަލިނުވެ ހިފަހައްޓަމުން އަންނަ ޔުވެންޓާސް ލީގުތަށި އުފުލާލުމުގައި އެޓީމުގެ މިޑްފީލްޑަރު އެންޑްރިއާ ޕިރްލޯގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. އަދި އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމު 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ފައިނަލާ ހަމައަށް ގެންދިއުމުގައި ވެސް ބޮޑު ދައުރެއް އަދާކޮށްފަ އެވެ. އެހެން ކަމުން ޕިރްލޯގެ ނަން އެ ލިސްޓުގައި ނެތުމަކީ މިހާރު ޑްރީމް ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނަށް ބުނެވޭ ބަދުބަހަކަށް ނުވާވެ އެވެ. އަދި ރެއާލްގެ މިޑްފީލްޑަރު މެސުޓް އޯޒިލްގެ ނަމަކީވެސް ހަމަ ބަލާލުން ހައްގު ނަމެކެވެ.

ބޮރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު މަރިއޯ ގޮޓްޒާ އަކީވެސް އެ ލިސްޓިގައި ބަލައިލާން ޖެހޭ ހުނަރުވެރި ކުޅުންތެރި އެކެވެ. ބޮޑު ދެމުބާރާތުގެ ޗެމްޕިއަންކަން އެޓީމު ހޯދި އިރު ޖަރުމަނު ޓީމުން ޔޫރޯގައި ދެއްކި ވަރުގަދަ ކުޅުމުގެ ބޮޑު ހިއްސާއެއް ވެސް ގޮޓްޒާގެ އެބަ އޮތެވެ.

ފޯވަޑުން:

ފީފާ ވޯލްޑް ޓީމް އޮފްދަ އިޔާގައި ހިމެނިފައިވާ ލިއޮނަލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެކަމާ އިތުރަށް ބަހުސު ކުރެވެން ނެތްވަރުގެ މޮޅު ދެ ފޯވަޑުން ނެވެ. އަދި އެތްލެޓިކޯގެ ރަޑެމަލް ފަލްކާއޯ އަކީވެސް މޮޅު ފޯވަޑެކެވެ. އެހެން ނަމަވެސް އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައި މިހާރު މެންޗެސްޓާ ޔުނައިޓެޑްގައި އޮބިނޯންނަ މޮޅު ކުޅުމެއް ދައްކަމުން އަންން ޑަޗް ސްޓްރައިކާ ރޮބިން ވެންޕާސީއަށް މިލިސްޓުން ޖާގައެއް ނުލިބުމަކީ ހަމަ ހައިރާން ވާވަރުގެ ކަމެކެވެ.

ނިމިދިޔަ ޕްރިމިއާ ލީގުގައި އާސެނަލް އަށް ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމާއި، އަދި އެންމެ ގިނަގޯލް ޖެހިކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން އޭނާވަނީ މިސީޒަންގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރޭހައްވެސް ވަދެފައެވެ. އަދި ޗެލްސީއާއި އާސެނަލްގެ އިތުރުން މެންޗެސްޓާ ސިޓީ ލީގުގައި ބަލިކުރުމަށްފަހު ހަތްޕޮއިންޓުގެ ތަފާތަކާއެކު ލީގުގެ ކުރީގައި ޔުނައިޓެޑް އޮތުމުގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްފައި ވަނީވެސް ވެންޕާސީ އެވެ.