ގިނަ އަދަދެއްގެ ފައިސާއާ އެކު ވަގަށް ނެގި ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ތިޖޫރީ ފެނުނީ މޫދަށް އެއްލާލާފައި އޮއްވައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިއްޔެރޭ ވަގަށް ގެންދިޔަ ތިޖޫރީ ފެނިފައިވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލުމަށް ފަހު އެރަށު އިރުމަތީ ފަރާތު މޫދަށް އެއްލާލާފައި އޮއްވާ ރޭ ދަންވަރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ތިޖޫރީގައި ހުރި އެއްވެސް ފައިސާ އެއް ފެނިފައެއްނުވެ އެވެ.

ފަރެސްމާތޮޑާ ހިއްކި ސަރަހައްދުގައި ހުންނަ ސިއްހީ މަރުކަޒުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ ވަގަށް ގެންދިޔަ ތިޖޫރީގައި 28،883.28ރ. ހުންނާނެ ކަމަށް އެ ރަށު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މުހަންމަދު ވަހީދު ވަނީ ވިދާޅުވެފަ އެވެ. ސިއްހީމަރުކަޒުގެ އޮފީސްބައިގައި ހުރި ތިޖޫރީ ވަގަށް ގެންގޮސްފައިވަނީ އިއްޔެރޭ 12:00ގެ ފަހުން މަރުކަޒު ބަންދުކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 20 އާއި 21 އާއި 22 އާއި އަދި 23 އަހަރުގެ މީހެކެވެ.

ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ އެރަށުގައި އިއްޔެރޭ ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ބިދޭސީއަކަށް ބިރުދައްކައި ފޭރެން ވެސް މަސައްކަތް ކޮށްފަ އެވެ.