ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަ ޝެޑިއުލް ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އިސްވެހުންނަވައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އަންނަ ހަފްތާ ބުދަ ދުވަހުގެ 10:30 އަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުން ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަނުން ވަކި ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އަންނަ ހަފްތާ ހޯމަ ދުވަހުގެ 2:00 އަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ފަހުމީ އެވެ.

އެ ދެ މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ވޯޓުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނަނީ އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ސިއްރު ވޯޓު ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. އަދި ފަހުމީ ވަކިކުރި މައްސަލައިގައި ނެރުނު އަމުރުގައި ބުނަނީ އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަން ދެން ސިވިލްސާވިސް ކޮމިޝަނަށް މެންބަރަކު ހަމަޖެެއްސުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުގެ މައްޗަށް އަމުރު ކުރާ ކަމަވެ.