30 Sep 2010, 08:47
ހ. އަޒުމު ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެއާ ގުޅުންހުރި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގު އެންފޯސްމެންޓް ޔުނިޓުގެ ވެރިޔާ ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވީ އަޒުމު ގޭގެ ހަ ވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހުން ހައްޔަރު ކޮށްފައިވާއިރު އެގެއިން ފެނުނު މަސްވާތަކެތިން ވިޔަފާރި ކުރަނިކޮށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަޒުމު ގެއިން ހައްޔަރު ކުރީ އެގޭ އަލީ ނަޒީހު 29، އާއި ހ. ލޮބީ އިބްރާހިމް ޝަފީއު 27. އެވެ. މީގެ ތެރެއިން ޝަފީއު ހައްޔަރު ކުރީ އޭނާގެ ފިންގާ ޕްރިންޓާ މަސްތުވާތަކެއްޗާ ދިމާވެގެނެވެ.
މި ގެއިން ފެނުނު ތަކެތިން މާލެ ތެރޭގައި ވިޔަފާރި ކުރަނިކޮށް ހައްޔަރު ކުރީ ހ. އަނދުންގޭ އުމުރުން 46 އަހަރުގެ އިބްރާހިމް ޝަމީމެވެ. އޭނާ ހައްޔަރު ކުރީ ރަބަރު ބްލެޓް ސައިޒުގެ ތިން ޕެކެޓާއެކުގަ އެވެ. މީނާއަކީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މަސްތުވާ އެއްޗެއްސާއެކު އަތުލައިގަނެ ޝަރީއަތް ހިންގާފައިވާ މީހެވެ. ނަމަވެސް ފުލުހުން ބުނީ މިވަގުތު ޝަމީމް ހުރީ ކޮން ގޮތަކަށް ކަން އަދި ސާފު ނުވާ ކަމަށެވެ.
ޖިނާހު ވިދާޅުވީ އަޒުމުގެ އިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިންނާއި ހޭޝް އޮއިލްގެ ދެ ބާވަތުން 200 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށާއި ހޭޝް އޮއިލް ހުރީ ފިލްމު ހުސްކުރި ދަޅުގެ ހަ ދަޅެއްގައި ކަމަށެވެ. މި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގައި 23 މީހަކު ހައްޔަރުކޮށް އެފަދަ 36 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.