08 Jan 2013, 12:03
މީގެ ކުރިން ހެރެތެރެ ހިންގި ބަޔަކަށް އެރަށަށް ބިޑް ނުކުރެވޭ ގޮތަށް މިހާރު އިއުލާންކޮށްފައިވާ ހެރެތެރޭގެ ބިޑިން ޕްރޮސީޖާ ބަދަލުކޮށްފައިވާ ކަމަށް އެ ރަށް ހިންގާ، އެމްޓީޑީސީން މިއަދު ބުނެފި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު މަތީނު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ މީގެ ކުރިން އެރަށް ހިންގުމަށް ހަވާލުވެ އެކަން ނުވެ ފެއިލްވީ ބަޔަކަށް އަނެއްކާ އެ ރިސޯޓް ހަވާލުކުރުމަކީ އެއްގޮތަކަށްވެސް އެކަންތައް ކޮށްގެންވާނެ ގޮތް ނޫން ކަމަށާއި އެކަން އެގޮތަށް އޮތުމުން ކުންފުނީގެ ބޯޑުން މިހާރު ނިންމާފައިވަނީ މީގެ ކުރިން އެރަށް ހިންގި އެއްވެސް ފަރާތަކަށް މިފަހަރުގެ ބީލަމުގައި ބައިވެރި ނުވެވޭނެ ގޮތް ހެދުމަށް ކަމަށެވެ.
"މީގެ ކުރިން އެކަން ނުވެފައި އޮތް ބަޔަކަށް އަނެއްކާ އެ ފުރުސަތު ދިނުމަކީ މީގައި އިންސާފުވެރި ގޮތަކަށްވެސް ނުވާނެ. އަދި އެއީ އެކަން ކުރެވިގެން ވާނެ ގޮތެއްވެސް ނޫން. އެހެންވީމައި މިހާރު ހެރެތެރެ ބިޑަށް ލާފައި މި އޮންނައިރުވެސް އެެފަދަ ބަޔަކަށް ކުރިމަތިނުލެވޭ ގޮތަށް އަޅުގަނޑުމެން މިހާރު ބިޑިން ކްރެޓީރިއާ ބަދަލުކޮށްފައި އޮންނާނީ،" މަތީނު ވިދާޅުވި އެވެ.
ހެރެތެރެ ހިންގުމަށް ޔޮޓް ޓްއާޒްއިން އަލުން ކުރިމަތިލާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މީގެ ކުރިންވެސް ޔޮޓް ޓްއާޒްއިން އެރަށް ހިންގުމާ ހަވާލުވި ނަމަވެސް ބޮޑެތި މައްސަލަތަކެއް ދިމާވެ އެންމެ ފަހުން ޔޮޓް ޓްއާޒްގެ އަތުން އެމްޓީޑީސީން ވަނީ ރަށްއަތުލާފަ އެވެ. އަދި އޭގެ ފަހުން ތައިލެންޑްގެ އޮނިކްސް ގްރޫޕުންވެސް އެރަށާ ހަވާލުވި ނަމަވެސް މާގިނަ ދުވަހެއް ނުވެ އެ ކުންފުނިންވެސް އެރަށް ނުހިންގިގެން ވަނީ އެމްޓީޑީސީއާ ރަށް އަނބުރާ ހަވާލުކޮށްފަ އެވެ.
އެމްޓީޑީސީން އެރަށް މިހާރު އޮޕަރޭޓް ކުރަމުން އަންނައިރު ދެ ފަހަރެއްގެ މަތިން ވަނީ އެރަށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް އަދި އެ ރަށް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރީ މަދުބައެކެވެ. މަތީން ވިދާޅުވީ ހެރެތެރޭގެ ޕްރިބިޑް މީޓީން އިއްޔެ ބާއްވާފައިވާ ކަމަށާއި ދެ ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް އަދި އެއްވެސް ފަރާތަކުން ބީލަން ފޮތް ނުގަންނަ ކަމަށެވެ.