08 Jan 2013, 11:52
ނޫސްވެރިންނާއި ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން ވޯޓުދީގެން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އާޖެންޓީނާ އަދި ބާސެލޯނާގެ ފޯވަޑް ލިއޮނެލް މެސީ ހޯދައިފި އެވެ.
ސުވިޒަލޭންޑުގެ ޒިޔުރިކްގައި ރޭ ބޭއްވި ހަފުލާގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށްދޭ ބެލަންޑޯ އެވޯޑް މެސީއާ ހަވާލުކޮށްދިނީ 2006 ވަނަ އަހަރު އެ އެވޯޑް ކާމިޔާބުކުރި އިޓަލީގެ ވޯލްޑް ކަޕް ކެޕްޓަން ފަބިއޯ ކަނަވާރޯ އެވެ.
މެސީއަށް މިފަހަރު ބެލަންޑިއޯ އެވޯޑް ލިބުމުން އޭނާވަނީ އެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ އިތުރުން ޖެހިޖެހިގެން އެ އެވޯޑް އެންމެ ގިނައިން ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑްވެސް ހޯދާފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ތިންފަހަރު ހޯދާފައިވަނީ 1983، 1984 އަދި 1985 ގައި ފްރާންސްގެ ފުޓްބޯޅަ ތަރި އަދި މިހާރުގެ ޔުއެފާގެ ޕްރެޒިޑެންޓް މިޝޭލް ޕްލެޓިނީ އާއި 2009، 2010، 2011 ގައި އެ މަގާމު ހޯދި ލިއޮނެލް މެސީ އެވެ.
ޝޯޓް ލިސްޓުކުރި ތިން ނަމުގެ ތެރެއިން މެސީ އެ އެވޯޑް ހާސިލުކޮށްފައިވަނީ ވޯޓްދިން މީހުންގެ 41.6 އިންސަތަ ވޯޓު ހޯދައިގެންނެވެ. ޕޯޗުގީޒުގެ ކެޕްޓަން އަދި ރެއާލްމެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނީ 23.68 އިންސައްތަ ވޯޓެވެ. އަދި ބާސެލޯނާގެ މިޑްފީލްޑަރު އަންދުރޭ އިނިއެސްޓާ އަށް ލިބުނީ ވޯޓުގެ 10.91 އިންސައްތަ އެވެ.
އުމުރުން 25 އަހަރުގެ މެސީވަނީ 2012 ވަނަ އަހަރު އޭނާގެ ކުލަބަށާއި ގައުމީ ޓީމަށް ކުޅުނު 69 މެޗުގެތެރެއިން އާޖެންޓީނާގެ ޓީމަށް 12 ލަނޑު އަދި ބާސެލޯނާއަށް 79 ލަނޑާ އެކު ޖުމުލަ 91 ލަނޑު ކާމިޔާބުކޮށް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑްވެސް ހުސްވި އަހަރު ހޯދާފަ އެވެ. ކުރިން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ ޖަރުމަނުގެ ކުރީގެ ފޯވަޑް ގާޑް މުލާގެ އަތުގަ އެވެ.
ހުސްވި އަހަރު މެސީ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް އަހަރުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ނަމަވަވެސް ބާސާއަށްވަނީ ނިމިދިޔަ ސީޒަންގެ ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި އަދި ސްޕެނިޝް ލީގުވެސް ގެއްލިފަ އެވެ.
އެވޯޑް ލިބުމުން މެސީ ބުނެފައިވަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އެ އެވޯޑް ހާސިލުކުރުމުގެ ޝަރަފު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އޭނާއަށް ވޯޓުދިން ކޯޗުންނާއި ކެޕްޓަނުން އަދި ނޫސްވެރިންނާއި އެ އެވޯޑް ހާސިލްކުރުމުގައި އެހީތެރިވި ބާސާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ޚާއްޞަކޮށް އޭނާއާއި އެކު އެވޯޑަށް ވާދަކުރި އަންދުރޭ އިނިއެސްޓާގެ ނަން އޭނާ ފާހަގަ ކުރާ ކަމަށެވެ.
"މި އިނާމު އަނެއްކާވެސް ލިބުމަކީ ވަރަށް ބޮޑުކަމެއް. އަދި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލިބުމަކީ ވަރަށް ބޮޑު ފަހުރެއް، ކޮންމެ މީހަކީވެސް ހާއްސަ މީހެއް. އެކަކަށްވެސް ޔަގީން ކަމެއް ނޯންނާނެ މިތަނަށް އަންނަ އިރު މި އެވޯޑް ލިބޭނޭ ކަމުގެ. އަހަރެން ބޭނުންވޭ މިކާމިޔާބު އަހަރެންގެ ބާސާ ޓީމްމޭޓުންނާ ހިއްސާކުރަން،"އުފަލުން ފޮޅިފައި ހުރެ މެސީ ބުންޏެވެ. "ހާއްސަކޮށް އަހަންނާ އެކު މިތާމިހިރަ އަންދުރޭ އިނިއެސްތާ. އަހަރެން ފަހުރުވެރިވޭ އިނިއެސްޓާއާއި އެކު ކޮންމެ ދުވަހަކު ޓްރެއިންނިން ހެދުމުގެ ފުރުސަތު ލިބޭތީ. އަދި އަހަރެން މި ފުރުސަތުގައި އަހަރެންގެ ގައުމު، އާޖެންޓީނާ ގައުމީ ޓީމުގެ ކުޅުންތެރިންގެ މަތިންވެސް ހަނދާކުރަން. ޝުކުރިއްޔާ އަހަރެންނަށް ވޯޓުދިން ހުރިހާ ކޯޗުން، ނެޝަނަލްޓީމް ކޯޗުން އަދި ކެޕްޓަނުން. ޝުކުރިއްޔާ އަހަރެންގެ ޢާއިލާ، ރައްޓެހިން އަދި ޚާއްސަކޮށް އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު ބައިކަމަށްވާ އަހަރެންގެ އަންހެހުންނާއި ދަރިފުޅު،"
ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ އިތުރުން މެސީ ވަނީ ފީފާ ވޯލްޑް ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ. ބާސެލޯނާއާއި ރެއާލް މެޑްރިޑް އިން ހޮވާލެވުނު 10 ކުޅުންތެރިންގެ އިތުރުން އެ ޓީމުގައި ހިމެނެނީ އެޓްލެޓިކޯ މެޑްރިޑްގެ ރެޑަމެލް ފަލްކާއޯ އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ އެމެރިކާގެ އަންހެން ޓީމުގެ ފޯވަޑް އެމްބަޝް އެވެ. އަދި އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އެމެރިކާގެ އަންހެންޓީމުގެ ކޯޗު ޕިއާ ސަންދޭޖް އެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ވިންސެންޓް ޑެލް ބޯސްކު އެވެ.