ހުޅުމާލޭގެ އުތުރުން އޮންނަ ފަރުކޮޅު ފުށި، ކްލަބްފަރު ރިސޯޓް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީއާ ވަގުތީ ގޮތުން ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ސަރުކާރާ އެކުވެފައިވާ އެގްރިމަންޓް ހަމަވުމުން ކްލަބް ފަރު ރިސޯޓް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައި މދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓޫރިޒަމް މިނިސްޓަރާއި ފިނޭންސްގެ އިސްބޭފުޅުން އެރަށަށް ވަޑައިގެން ސުލްހަވެރި ކަމާއެކު އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެމްޓީޑީސީއާ ކުލަބްފަރު ހަވާލުކުރަން ނިންމީ އެރަށަކީ މިހާރުވެސް އޮޕަރޭޓިން ރިސޯޓަކަށް ވާތީ އެތަން އަދި ދުވަސްކޮޅަކަށް އޮޕަރޭޓް ކުރަން ޖެހޭތީ ސަރުކާރުގެ ޓޫރިޒަމް ކުންފުންޏަކީ އެމްޓީޑީސީ ކަމަށްވާތީ ކަމަށެވެ.

"އެތަނުގައި ޓޫރިސްޓުން ތިބީމަޔާ އެކު އެތަން އަދި މެނޭޖްމަންޓްލައިގެން ހިންގަން ޖެހޭ. އެގޮތުން ސަރުކާރުގެ ކުންފުންޏަކަށް އެކަން ކުރެވެން މިއޮތީ އެމްޓީޑީސީއަށް. އެހެންވެ އެބޭފުޅުންނާ މި ހަވާލުކުރީ،" އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެށުމާ އެކުހެން ރިސޯޓް ބަންދުކުރަން ނިންމާފައިވާ ކަމަށާއި ހުޅުމާލެ ދެ ވަނަ ފޭސްނިމޭއިރު އެރަށަކީ ހުޅުމާލޭގެ ބައެއްގެ ގޮތުގައި ވާނެ ކަމަށެވެ.

"ޑްރެޖަރު ޖައްސާ ހިސާބުން އެރަށް ކްލޯޒް ކުރަން އޮންނާނީ ނިންމާފައި. އެއީ ދެވަނަ ފޭސްނިމޭއިރު އެތަން ވާނީ ހުޅުމާލޭގެ ބަޔަކަށް. އެހެންވެ އެތަން ދެން ޖެހޭނީ ދޫކޮށްލަން. އެކަމާ އަޅުގަނޑުމެން އެޗްޑީއެފްސީއާ މި އަންނަނީ ވާހަކަ ދައްކަމުން،" އަދީބު ވިދާޅުވި އެވެ.

އެ ރަށް ސަރުކާރާއި ހަވާލުކުރަން އެރަށް ކުރިން ހިންގި ފަރާތުން ދެކޮޅު ހަދައި އެ މައްސަލަ ސިވިލްކޯޓަށްވެސް ވެއްދި އެވެ. ނަމަވެސް އެ މައްސަލަ ކޮންމެ ފަހަރަކުވެސް ނިމުނީ ސަރުކާރުގެ ކޮޅަށެވެ. އެގޮތުން އެރަށާ ހަވާލުވަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުވަން އަމުރެއް ނެރެދެވޭނެ ތަނެއް ކަމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އެޗްޑީސީން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެރަށުގެ ބިން ބޮޑުކުރުމަށް އިތުރު ސަރަހަދެއް ހިއްކުމަށް ބޭރުގެ ފަރާތްތަކަކާއި ހަވާލުކުރުމަށް ސަރުކާރުން ވަނީ މިހާރު ހަ ކުންފުންޏެއް ޝޯޓްލިސްޓްވެސް ކޮށްފަ އެވެ.