ލުއަންޑާ، އެންގޯލާ (7 ޖެނުއަރީ) – ރާޖެއިން އެފްރިކާގެ ގައުމެއް ކަމަށްވާ އެންގޯލާއާ އެކު ސިޔާސީ އަދި ސަގާފީ ގުޅުންތައް ބަދަހި ކޮށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެޖެންސިއާ އެންގޯލާޕްރެސް (އެންގޯޕް) ގައި ބުނެފައި ވަނީ ޢަބްދުﷲ ޝާހިދު އެހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންގޯލާއަށް ކުރަށްވާ ތިންދުވަހުގެ ރަސްމީ ޒިޔާރަތެއްގައި "4 ޑި ފެވަރެއިރޯ" އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި ޚާއްޞަ އިންޓަވިއު އެއްގައި ކަމަށެވެ.

ޝާހިދު ވިދާޅުވިކަމަށް އެންގޯޕްގައި ވަނީ އެ ދަތުރު ފުޅުގައި އެގައުމުގެ ޕާލިމެންޓުގެ މެންބަރުންނާ ބައްދަލު ކުރަށްވައި، ރާއްޖެ އާއި އެންގޯލާގެ ޕާލިމެންޓުގެ ގުޅުންތައް ވަރުގަދަ ކުރެވެން ހުރީ ކޮންދާއިރާ ތަކަކުންތޯ ބައްލަވައި އަދި ގާނޫނު ހަދާ ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމަށް އެއްބަސްވެވެން ހުރި އެކިއެކި ފުރުސަތުތައް ބައްލަވައި، އެފަދަ ދާއިރާތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރަށްވާނެ ކަމަށެވެ.

އެންގޯލާގެ ނޫސްތަކުން ބުނެފައިވަނީ ރައްޔިރުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަކީ މިހާތަނަށް އެގައުމަށް ރާއްޖެއިން ވަޑައިގެންނެވި މަތީފެންވަރުގެ ފުރަތަމަ ބޭފުޅާ ކަމަށެވެ.

އަދި އެމަނިކުފާނުގެ މިދަތުރުފުޅުގެ ސަބަބުން އެގައުމުގެ ކަމާބެހޭ ދާއިރާތަކާއެކު ރަސްމީ ސިފައެއްގައި މަޝްވަރާކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް ޢަބްދުﷲ ޝާހިދުއާއި ހަވާލާދީ ނޫސްތަކުގައި ވެއެވެ.

ލުއާންޑާގެ އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރަށްވާ ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ އެންގޯލާގެ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަށްވަމުން ގެދަވާ މަސައްކަތްތަކާއި، މަގުތަކާއި، ސްކޫލްތަކާއި އެއާޕޯޓް އަދި ހޮސްޕިޓަލް ފަދަ ތަންތަން ތަރައްގީކުރުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތް ތަކަށް ތަޢުރީފު ކުރަށްވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެ ދަތުރު ފުޅަކީ އެފްރިކާގެ ގައުމުތަކަށް އެމަނިކުފާނު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ބައެކެވެ.