އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު އުމަރުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު މިއަދު ވިދާޅުވީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އުފުލައި ފާރޫގުގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ ފާރޫގުގެ މައްޗަށް ރިޝަވަތު ހިފުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި އޭނާ ހުންނެވި އިރު އެސްޓީއޯގެ ސަޕްލަޔަރެއްގެ އަތުން ރިޝްވަތުގެ ގޮތުގައި 19،000 އެމެރިކާ ޑޮލަރު (292،980ރ.) ނަގައި، ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް އެނގޭތީ ކަމަށެވެ. އަދި އެ ފައިސާ ފާރޫގުގެ އެކަންއުންޓަށް ޖަމާކުރިކަން ވެސް އޭސީސީގެ ތަހުގީގުން ސާބިތުވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭސީސީން ބުނެފައި ވަނީ ފާރޫގު އެ ފައިސާ ހޯއްދަވާފައި ވަނީ އެސްޓީއޯ އަށް ކާޑު ސަޕްލައި ކުރަމުން ދިޔަ ސްރީލަންކާގެ ކުންފުންޏަކުން ކަމަށެވެ.

ނާޝިދު ވިދާޅުވީ ފާރޫގުގެ މައްސަލަ ޝަރީއަތަށް ފޮނުވާފައިވާއިރު، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކުންފުނީގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް އޭސީސީން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.