08 Jan 2013, 09:20
އިސްލާމް އާބާދު (ޖަނަވަރީ 8) : މިހަފްތާގެ ކުރީކޮޅު އިންޑިޔާއިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ދިން ހަމަލާތަކުގައި ޕާކިސްތާން ސިފައިންގެ މީހަކު މަރުވި މައްސަލާގައި ޕާކިސްތާނުން އިންޑިޔާ ސަރުކާރަށް ރަސްމީގޮތުން އިހްތިޖާޖްކޮށްފި އެވެ.
މިމައްސަލާގައި ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިންވަނީ އިސްލާމް އާބާދުގައި މިވަގުތު ހުންނެވި އިންޑިޔާގެ ހައިކޮމިޝަނަރު ނައިބު ގޯޕާލް ބިޖިލީ އެވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖްގެ ރަސްމީ ލިޔުމެއް ހަވާލުކޮށްފަ އެވެ. އިހުތިޖާޖުގެ މިލިޔުމުގައި އިންޑިޔާއިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ދިން ޙަމަލާތަކުގައި ޕާކިސްތާން ސިފައިންގެ މީހަކު މަރުވި މައްސަލައަކީ ދެގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ މައްސަލައެއް ކަމާއި އިންޑިޔާގެ ޙަމަލާތަކަކީ އެއްވެސް ސަބަބެއްނެތި ދިންޙަމަލާތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ.
އެއްވެސް ސަބަބެއްނެތް މި ޙަމަލާތަކުގައި ޕާކިސްތާން ސިފައިންގެ މީހެއްގެ ފުރާނަ ގޮސްފައިވާތީ ހިތާމާކުރާ ކަމަށާއި މިފަދަ އަމަލުތައް ކުރިމަގުގައި ތަކުރާރު ނުކުރުމަށްވެސް އިންޑިޔާގެ ކިބައިން އެދިފައިވެ އެވެ. އިންޑިޔާއިން މިހަމަލާތައް ދީފައިވަނީ ކަޝްމީރުގެ ދަށުގައިވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ. މިމައްސަލާގައި ޕާކިސްތާނު ސިފައިންގެ އިސް މަސްއޫލުވެރިއަކުވެސް ވަނީ އިންޑިޔާއަށް ފާޑުވިދާޅުވެ އިންޑިޔާގެ މިއަމަލުކުށްވެރި ކުރައްވާފަ އެވެ.
އަނެއްކޮޅުން ޕާކިސްތާނުން އިއްޔެވެސް ވަނީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގައި ވާ އެގައުމުގެ ޗެކްޕޮއިންޓަކަށް އިންޑިޔާ ސިފައިން ޙަމަލާތަކެއް ދިން ކަމަށް ބުނެފައެވެ. މިޙަމަލާތަކުގައި ޕާކިސްތާން ސިފައިންގެ މީހަކަށް ގެއްލުން ލިބިފައިނުވިނަމަވެސް މިއީ ޙަމަލާތައް ހުއްޓާލުމަށް ދެގައުމުން ވެފައިވާ އެއްބަސްވުންތަކާ ޚިލާފު ޢަމަލެއް ކަމަށް ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. މިކަމުގެ ރައްދުގައި އިންޑިޔާއިން ބުނީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގައި ވާ ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް ޙަމަލާދޭންޖެހުނީ ޕާކިސްތާނުން އިސްވެ ދިން ޙަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ކަމުގައެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ތިން ހަނގުރާމައެއް ކޮށްފައިވާ އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ދޭތެރެއަކުން ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ބަޑީގެ ޙަމަލާތައް ބަދަލުކުރަމުން ގެންދެއެވެ. މިދިޔަ ނޮވެމްބަރު މަހު ބަދަލުކުރި މިފަދަ ޙަމަލާއެއްގައިވެސް ޕާކިސްތާން ސިފައިންގެ މީހަކުވަނީ މަރުވެފަ އެވެ. ޕާކިސްތާނުގެ މިފަދަ ޙަމަލާތަކުގައިވެސް އިންޑިޔާ ސިފައިން މަރުވެފައިވެ އެވެ. (އަލްޖަޒީރާ)