އިދާރީ ގޮތުން އެއްކޮށްލުމަށް ސަރުކާރުން ހަމަޖައްސާފައިވާ ރަށްތައް އެއްކޮށްލުމާމެދު މީހުންގެ ހިޔާލު ހޯދުމަށް ބާއްވާ ރިފްރެންޑަމްގައި ވޯޓުލުމަށް މާލެއާއި އަތޮޅުވެރިކަންކުރާ ރަށްރަށުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު ސޯޅަ ސަތޭކައަށްވުރެ ގިނަ މީހުން މާލޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


އެކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވިއިރު މާލޭގައި ރަޖިސްޓްރީވީ މީހުންގެ އިތުރުން އަތޮޅުތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ޖުމްލަ އަދަދު އަދި އެނގިފައިނުވާ ކަމަށާއި މުއްދަތު ހަމަވިފަހުންވެސް ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކުރުމަށް އެދިފައިވާ ކަމަށެވެ.


" ސޯޅަސަތޭކައެއްހާ މީހުންނަކީ ހަމައެކަނި މާލޭގައި ރަޖިސްޓްރީވެފައިވާ އަދަދު، އަތޮޅުތަކުގެ ޖުމްލަ އަދަދު އެނގޭވަރުވާނީ މެންދުރުފަހު" ތޮލާލް ވިދާޅުވި އެވެ.


އަންނަ މަހުގެ ނުވައެއް ގައި ބާއްވާ މި އިންތިހާބުގައި ވޯޓުލުމަށް އަށްޑިހަ އަށްހާސް އަށްސަތޭކަ ފަންސާސް މީހުން ޝަރުތު ހަމަވާއިރު، އޭގެ ތެރެއިން 30 ޕަސަންޓް ނުވަތަ 26 ހާހަށް ވުރެ ގިނަ މީހުންނަކީ ރަށްވެހިވެފައިވާ ރަށުގައި ދިރިނޫޅޭ ނުވަތަ މާލޭގައި އުޅެމުންދާ މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.